އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސްއާއި ލާޒިއޯ ބައްދަލުކުރި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މި ސީޒަން ފަށައިގެން ޔުވެންޓަސްގެ ފަރާތުން ފެނުނީ ދައް ނަތީޖާތަކެކެވެ. އެ ގޮތުން ލީގުގެ ފުރަތަމަ ކޮޅު ގިނަ މެޗުތަކަކުން ބަލިވުމާއި ޗެމްޕިއަންސް ލީގުގައި ވެސް ނަތީޖާތައް ދައްވެ ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ. ނަމަވެސް ފަހަކަށް އައިސް އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް ވަނީ މޮޅުވެފައެވެ.

Ad
rt

ރޭ ލާޒިއޯއާއި ބައްދަލުކުރި މެޗުގައި ޔުވެންޓަސްއަށް ފުރަތަމަ ލަނޑު 43 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މޫސީ ކީންއެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައި ވަނީ ރެބިއުޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

މެޗުގެ ދެވަނަ ލަނޑު 54 ވަނަ މިނެޓުގައި ކީން ކާމިޔާބު ކޮށްދިންއިރު، ތިންވަނަ ލަނޑު 89 ވަނަ މިނެޓުގައި ކިއޭސާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މިލިކްއެވެ.

ރޭ އިޓާލިއަން ލީގުގައި އޭސީ މިލާނާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މިލާނުންނެވެ. މި މެޗުގެ ދެވަނަ މިނެޓުގައި މިލާނުން ވަނީ ލީޑް ނަގާފައެވެ. މި ލަނޑު ޖިރޫޑް ތަނަވަސް ކޮށްދިން ފުރުބަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަފޭލް ލިއޯއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފިއޮރެންޓީނާގެ އެންޓޯނިއޯ ބަރަކް ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލާން މެޗުން މޮޅުވެފައި ވަނީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ވެސް ފަހު ވަގުތު ފިއޮރެންޓީނާގެ މިލެނޮވިޗް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.

ރޭ އިންޓަ މިލާނާއި އެތުލާންޓާ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިންޓަ މިލާނުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ އެތުލާންޓާއިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ލޫކްމަންއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓަ ފޯވާޑް ޒެކޯ ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގައި އިންޓައަށް ލީޑު ލިބިފައި ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ޒެކޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެއަށްފަހު އިންޓަ ލީޑު ފުޅާކޮށްފައި ވަނީ 61 ވަނަ މިނެޓުގައި އެތުލާންޓާގެ ޕަލޮމިނޯ އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. އެތުލާންޓާއަށް 77 ވަނަ މިނެޓުގައި ޕަލްމިނޯ ވަނީ ލަނޑުޖަހއިދީ ފަރަގު ކުޑަކޮށްފައެވެ.

ރޭ އިޓާލިއަން ލީގުގައި ރޯމާއާއި ޓޮރީނޯ ބައްދަލުކުރި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖައިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ޓޮރީނޯއިންނެވެ. މި ލަނޑު 55 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކެރޮލް ލިންޓޭއެވެ. ރޯމާއަށް ނަތީޖާ ހަމަހަމަ ކުރެވިފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި މަޓިޗް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

އިޓާލިއަން ލީގުގެ އެއްވަނާގައި މިވަގުތު އޮތީ ނަޕޯލީއެވެ. ނަޕޯލީއަށް 15 މެޗުން ލިބިފައި ވަނީ 41 ޕޮއިންޓެވެ. ދެވަނާގައި މިލާން އޮތީ 15 މެޗުން ލިބުނު 33 ޕޮއިންޓާއި އެކުގައެވެ. ޔުވެންޓަސް ތިންވަނާގައި އޮތީ 15 މެޗުން ލިބުނު 31 ޕޮއިންޓާއި އެކުގައެވެ. ހަތަރުވަނާގައި 15 މެޗުން ލިބުނު 30 ޕޮއިންޓާއިއެކު ލާޒިއޯ އޮތްއިރު، ފަސްވަނާގައި އިންޓަ އޮތީ 15 މެޗުން ލިބުނު 30 ޕޮއިންޓާއި އެކުގައެވެ.