ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގައި މަސައްކަތްކުރާ ފުލުހެއް ހިމެނޭކަމަށް އިނގިއްޖެއެވެ.
މާލެއާއި ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 4 އަންހެނުންނާއި، 8 ފިރިހެނުންނެވެ. އޭގެ ތެރޭގައި ފުލުހެއް ހިމެނޭކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް، ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހަކު ހައްޔަރުކުރުމާ ގުޅިގެން އޭނާ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އިދާރީ އަދި ޖިނާއީ މައްސަލަ ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
''ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެމީހަކީ ޑްރަގް އެންފޯސްމަންޓްގައި އުޅޭ ފުލުހެއްނަމަވެސް އެއްވެސް އިސްތިސްނާއެއްނެތި އެމީހަކާ ދޭތެރޭގައި ފިޔަވަޅު އަޅާނެ'' ފުލުހުން ވިދާޅުވިއެވެ.
އެ ފުލުހަކީ ޑީއީޑީގެ ބެލުމުގެ ދަށަށް ގެނެވޭ ޑްރަގް ބަލަހައްޓާ ޓީމެއްގައި ހިމެނޭ ފުލުހެއް ނަމަވެސް، ޑީއީޑީގެ ބެލުމުގެ ދަށަށް ގެންނަ ޑްރަގް ރައްކާކުރުމުގެ އުސޫލު އޮންނަ ގޮތުން އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޭނާއަށް ނުވަތަ އެހެން ފުލުހަކަށް ނޯންނާނެ ކަމަށް ވެސް ފުލުހުން ޔަގީންކަން ދެއްވިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި 12 މީހުން ހައްޔަރު ކުރީ ''ޕާޓީ ކުރަނިކޮށް'' ކަމަށް އަޑު ފެތުރިފަވެއެވެ. އަދި މީގެ ތެރޭގައި ތެރޭގައި ބައެއް ފިލްމު ކުޅޭ މީހުންނާއި ސޯޝަލް މީޑިއާގައި މަޝްހޫރު ބައެއް މީހުން ހިމެނޭ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
އެ އޮޕަރޭޝަނަކީ އާންމު އުސޫލުން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!