ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ޝާލްކާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ބަޔާނުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ.
ރޭ ޝާލްކާގެ ދަނޑުގައި ކުޅުނު މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
ބަޔާނުން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 38 ވަނަ މިނޓުގައެވެ. އޭރިއާތެރެއިން ޖަމާލް މުސިއާލާއަށް ލިބުނު ބޯޅަ ޝާލްކާގެ ޑިފެންޑަރުންނަށް އޮޅުވާލުމަށް ފަހު ފުންނާބުން ގްނާބްރީއަށް ޖައްސާލި ބޯޅަ ގްނާބްރީ ވަނީ ޝާލްކާގެ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ
މެޗުގައި ބަޔާނުން ކާމިޔާބުކުރި ދެވަނަ ލަނޑު 52 ވަނަ މިނެޓުގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި މުސިއާލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މި ސީޒަންގައި ރަނގަޅު ފޯމެއްގައި ހުރި ޗޫޕޯ މޯޓިންއެވެ. އޭނާ ވަނީ ބަޔާނަށް އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި ދިހަ ލަނޑު ޖަހާފައެވެ.
ރޭ ޖަރުމަނު ލީގުގައި ލައިޕްޒިގް ކުޅުން މެޗު އެ ޓީމުން ވަނީ ވާޑާ ބްރެމެން 2-1 ގެ ނަތީޖާއިން ބަލިކޮށްފައެވެ. ލައިޕްޒިގު ހުރިހާ މުބާރާތެއް ހިމެނޭހެން އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް ބަލިވެފައި ނުވެއެވެ. ރޭގެ މޮޅަކީ އެ ޓީމުން ލީގުގައި ޖެހިޖެހިގެން ހޯދި ހަވަނަ މޮޅެވެ.
ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޔާން ލެވަކޫސަން ވެސް ރޭ ވަނީ ސްޓުޓްގާޓް އަތުން މޮޅުވެފައެވެ. އެލަންސޯ ލެވަކޫސަންއާއި ހަވާލުވީ ފަހުން އެ ޓީމް މިހާތަނަށް ކުޅުނު ހަތް މެޗުން ވެސް ބަލިވެފައި ނުވެއެވެ. ރޭގެ މެޗަކީ ލީގުގައި އެ ޓީމް ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ މެޗެވެ.
ލީގުގައި ބަޔާނުން އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް އެ ޓީމް ވަނީ މޮޅުވެފައެވެ. މިހާރު ބަޔާނާއި ދެވަނާގައި އޮތް ލައިޕްޒިގާއި ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ބަޔާން އެއްވަނާގައި އޮތީ 15 މެޗުން ލިބުނު 34 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ލައިޕްޒިގެ އޮތީ 15 މެޗުން ލިބުނު 28 ޕޮއިންޓާއި އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!