4 މީހުންނާއެކު ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހައިލާ ބިދޭސީއަކު ގެއްލިއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުންް ވިދާޅުވީ މިއީ ގދ. ވާދޫ ކުޑަ ކަނޑާ ދިމާލުން 12 މޭލު ބޭރުން ދަތުރުކުރަމުންދިޔަ އުޅަނދެއް ކަމަށެވެ. އަދި އެ އުޅަނދު ބަންޑުން ޖަހާލައިގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވަނީ މިއަދު 01:25 ހާއިރު ކަމަށެވެ.
ގދ. ފަރެސްމާތޮޑާއިން ފުރައިގެން ދަނިކޮށް ބަންޑުން ޖަހައިލި އެ ލޭންޑިންގ ކްރާފްޓް ގެ ކައިރީގައި ވާދޫ "ސީ ވީޑް" ދޯނި ހަރަކާތްތެރިވެ، ތިން މީހުން ސަލާމަތްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓުގައި މި ތިން ފަޅުވެރިން މިއަދު 16:10 ހާއިރު ގދ. ވާދޫއަށް ގެންދެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ބަންޑުން ޖަހާލާފައިވަނީ "ލިއޯ ސަކްސެސް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެއް ކަމަށެވެ. އެ އެ އުޅަނދު ބަންޑުންޖަހައިލީ ދިޔަވުމުގެ ސަބަބުން ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ބަންޑުންޖަހައިލި ދޯނިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" އަންނަނީ ކުރަމުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!