މިސްރުގައި ހިންގާ އިމާމުން ތަމްރީނުކުރުމުގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު، އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ވިދާޅުވީ މިއީ މިސްރުގެ ގާހިރާގައި ދެ މަސްދުވަހުގެ މުއްދަތަށް ހިންގާ ކޯހެއް ކަމަށެވެ.
މި ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އަރަބި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެގުމާއި ކަމާގުޅޭ ދާއިރާގައި މަސައްކަތް ކުރާ ފަރާތެއްކަމުގައިވާން ޖެހެއެވެ. އަދި ދީނީ ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސެޓްފިކެޓެއް ލިބިފައިވުމާއި ދީނީ ތަގްރީރު ކުރުމާއި، ވަޢުޡު ބުނުމުގެ ހުއްދަ ލިބިފައިވާ ފަރާތެއް ކަމަށް ވެސް ވާންޖެހެ އެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކޯހަށް އެންމެ ގާބިލު ފަރާތްތައް ހޮވުމުގައި އަރަބި ބަސް ރަނގަޅަށް ލިޔަން ކިޔަން އެނގޭ މިންވަރާއި ތަޖުރިބާއަށް ބަލާނެ ކަމަށެވެ.
ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތައުލީމީ ދާއިރާއިން ލިބިފައިވާ އެޓެސްޓްކޮށްފައިވާ ސެޓިފިކެޓްތަކާއި، އަރަބި ބަހުން ތައްޔާރުކޮށްފައިވާ ސީވީ 17 ނޮވެމްބަރުވާ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިލައްވާފަ އެވެ.
މިއީ އިމާމުންނާއި ދާޢީންނަށް އިތުރު ކުރިއެރުމާއި، ތަމްރީނުތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި މިސްރު ސަރުކާރުގެ ފަރާތުން ހުރިހާ ހަރަދެއް ކުރާގޮތަށް ހިންގާ ތަމްރީން ކޯހެއްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވި އެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގައި މިވަގުތު ތިއްބެވި އިމާމުންނާއި ދީނީ ފަތުވާ ދެއްވާ ބޭފުޅުންނަށް ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!