މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ދާ އާޖެންޓީނާގެ ސްކޮޑް އިޢުލާން ކޮށްފިއެވެ.

ދުނިޔެ ދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިއާ ކަމަށްވާ ލައިނަލް މެސީ އާޖެންޓީނާ ގޮވައިގެން ވޯލްޑް ކަޕަށް ނުކުންނައިރު، މިއީ އޭނާ ކުޅޭ ފަސްވަނަ ވޯލްޑް ކަޕެވެ.

Ad
rt

އާޖެންޓީނާގެ ސްކޮޑުގައި އިޓަލީގެ ރޯމާއަށް ކުޅެމުން އަންނަ އުމުރުން 28 އަހަރުގެ ފޯވާޑް ޕައުލޯ ޑިބާލާ ވެސް ވަނީ ހިމަނާފައެވެ. ނަމަވެސް މި އަހަރުގެ އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު އިޓާލިއަން ލީގުގައ ލެއްޗޭއާއި ރޯމާ ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ރޯމާއަށް ލިބުނު ޕެނަލްޓީއެއް ފޮނުވާލުމުގެ ތެރޭ ޑިބާލާ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އަދިވެސް ޑިބާލާ ކުޅުމުގެ ތެރެއަށް އާދެވިފައި ނުވެއެވެ. އާޖެންޓީނާގެ ކޯޗް ސްކަލޯނީ ޑިބާލާއަށް ފުރުޞަތު ދީފައި މިވަނީ ވޯލްޑް ކަޕަށް ފުޓްވާނެތީއެވެ.

އާޖެންޓީނާއިން އެކުލަވާލާފައިވާ ޓީމުން ޕްރިމިއާ ލީގުގައި ކުޅޭ ފަސް ކުޅުންތެރިއަކަށް ވަނީ ފުރުޞަތު ދީފައެވެ. އެ ކުޅުންތެރިންނަކީ އެސްޓަން ވިލާގެ ގޯލު ބަލަހައްޓަމުން އަންނަ އެމިލިއާނޯ މާޓިނޭޒް، ޓޮޓެންހަމަށް ކުޅެމުން އަންނަ ކްރިސްޓިއަން ރޮމޭރޯ، މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ލިސަންޑްރޯ މާޓިނޭޒް، ބްރައިޓަންއަށް ކުޅެމުން އަންނަ އެލެކްސިސް މެކްގެ އިތުރުން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ހޫލުއަން އަލްވަރޭޒްއެވެ.

ވޯލްޑް ކަޕާއި ކުރިމަތިލާއިރު އެންމެ ފޯމުގައި އޮތް އެއް ޓީމަކީ އާޖެންޓީނާއެވެ. އެ ޓީމުން މިދިޔަ އަހަރު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފައިވާއިރު، އެންމެ ފަހުން ކުޅުނު 35 މެޗުގައި ވެސް ބައްޔެއް ވެފައި ނެތުމަކީ ގިނަބަޔަކު ޤަބޫލްކުރާ ގޮތުގައި އާޖެންޓީނާ މިފަހަރު ތަށީ އުފުލާލާނެ ސަބަބުތަކެވެ. މީގެ އިތުރުން އެ ޓީމްގެ ކެޕްޓަން މެސީ ވެސް މިވަގުތު ހުރީ ރަނގަޅު ފޯމެއްގައެވެ.

އާޖެންޓީނާއިން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އެންމެ ފަހުން ކާމިޔާބު ކޮށްފައި ވަނީ 1986 ވަނަ އަހަރުއެވެ. އޭގެ ފަހުން 1990 ވަނަ އަހަރާއި 2014 ވަނަ އަހަރު އާޖެންޓީނާ ވަނީ ފައިނަލުގައި ކުޅެފައެވެ. ނަމަވެސް އެ ދެ މުބާރާތް ނިންމާލަން ޖެހުނީ ރަނަރަޕް ޓީމްގެ ގޮތުގައެވެ.

ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނެނީ ގްރޫޕް ސީގައެވެ. މި ގްރޫޕްގައި އާޖެންޓީނާގެ އިތުރުން ހިމެނެނީ ސައުދީ އެރެބިއާ، ޕޮލެންޑް އަދި މެކްސިކޯއެވެ. އާޖެންޓީނާ ވޯލްޑް ކަޕް ފުރަތަމަ މެޗުގައި މި މަހުގެ 22 ވަނަ ދުވަހު ނުކުންނާނީ ސައުދީ އާއި ދެކޮޅަށެވެ.

އާޖެންޓީނާ ޓީމް

ގޯލްކީޕަރުން: އެމިލިއާނޯ މާޓިނޭޒް (އެސްޓަން ވިލާ)، ޖެރޯނިމޯ ރޫލީ (ވިޔަރެއާލް)، ފްރަންކޯ އަރްމާނީ (ރިވާ ޕްލޭޓް)

ޑިފެންޑަރުން: ނަހުއެލް މޮލީނާ (އެތުލެޓިކޯ މެޑްރިޑް)، ކްރިސްޓިއަން ރޮމޭރޯ (ޓޮޓެންހަމް ހޮޓްސްޕާސް)، ނިކޮލަސް އޮޓަމެންޑީ (ބެންފީކާ)، ނިކޮލަސް ޓަގްލިއާފިކޯ (ލިޔޯން)، މާކޮސް އަކުންޔާ (ސެވިއްޔާ)، ހުއާން ފޮއިތު (ވިޔަރެއާލް) ގޮންޒާލޯ މޮންޓިއެލް (ސެވިއްޔާ)، ޖެރްމާން ޕެޒެއްލާ (ރެއާލް ބެޓިސް)، ލިސަންދުރޯ މާޓިނޭޒް (މެންޗެސްޓާ ޔުނައިޓަޑް)،

މިޑްފީލްޑަރުން: އެންޒޯ ފެނާންޑޭޒް (ބެންފީކާ)، ރޮޑްރިގޯ ޑެ ޕޯލް (އެތުލެޓިކޯ މެޑްރިޑް)، އަލެހަންދުރޯ - ޕާޕޫ ގޯމޭޒް (ސެވިއްޔާ)، އެލެސިސް މެކަލިސްޓާ (ބްރައިޓަން) ގީޑޯ ރޮޑްރިގޭޒް (ރެއާލް ބެޓިސް)، ލިއަންދްރޯ ޕަރޭޑެސް (ޔުވެންޓަސް)، އެޒެކިއެލް ޕަލާސިއޯސް (ބަޔާ ލޭވަކޫސަން)،

ފޯވަޑުން: ލިއޮނަލް މެސީ (ޕީއެސްޖީ)، ހޫލިއަން އަލްވަރޭޒް (މެންޗެސްޓާ ސިޓީ)، ޔަކީން ކޮރޭއާ (އިންޓަ މިލާން) ޕައޮލޯ ޑިބާލާ (ރޯމާ) އެންހެލް ޑިމާރިއާ (ޔުވެންޓަސް) ލައުޓާރޯ މާޓިނޭޒް (އިންޓަ މިލާން)، ނިކޮލަސް ގޮންޒާލޭޒް (ފިއޮރެންޓީނާ)،