މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އިންގްލެންޑުގެ ސްކޮޑުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކޯސް ރަޝްފޯޑާއި ނިއުކާސަލްގެ ފޯވާޑް ވިލްސަންއަށް ހިމަނާފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޖޯޑަން ސަންޗޯއަށް ފުރުޞަތު ގެއްލިއްޖެއެވެ.

މީގެ އިތުރުން އޭސީ މިލާނުގެ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފިކަޔޯ ޓްމޯރީއާއި ބްރެންޓްފޯޑްގެ ފޯވާޑް އިވާން ޓޮނޭގެ އިތުރުން ވެސްޓް ހޭމްގެ ފޯވާޑް ބޮވެންއަށް އިންގްލެންޑްގެ ސްކޮޑުން ޖާގަ ލިބިފައި ނުވެއެވެ.

Ad
rt

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން މެގުއާއަށް ފަހަކަށް އައިސް، ޔުނައިޓެޑްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައި ނުވިނަމަވެސް ކޯޗް ސައުތުގޭޓް ނެގި 26 ކުޅުންތެރިންގެ ތެރޭގައި މެގުއާ ވަނީ ހިމަނާފައެވެ. އަދި އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރ ކެލްވިން ފިލްޕްސްއަށް ވެސް ވަނީ ވޯލްޑް ކަޕް ސްކޮޑުން ފުރުޞަތު ދީފައެވެ.

އިންގްލެންޑްގެ ގޯލް ކީޕަރުންގެ ގޮތުގައި ހިމަނާފައި ވަނީ އެވަޓަންއަށް ކުޅެމުން އަންނަ ޖޯޑަން ޕިކްފޯޑާއި، ނިއުކާސަލްއަށް ކުޅެމުން އަންނަ ނިކް ޕޯޕްގެ އިތުރުން އާސެނަލްގެ ގޯލު ބަލަހައްޓަމުން އަންނަ އާރޮން ރަމްސްޑެލްއެވެ.

ޑިފެންޑަރުންގެ ގޮތުގައި ޓީމްގައި ހިމަނާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ، ލުކާ ޝޯ، ޓޮޓެންހަމްގެ އެރިކް ޑަޔާ، މެންޗެސްޓާ ސިޓީގެ ޖޯން ސްޓޯންސް، ވޯލްކާ، ނިއުކާސަލްގެ ޓްރިޕިއާ، އެވަޓަންގެ ކޯނޯ ކޯޑީ، އާސެނަލްގެ ބެން ވައިޓްގެ އިތުރުން ލިވަޕޫލްގެ އާނޯލްޑެވެ.

މިޑްފީލްޑަރުންގެ ގޮތުގައި ހިމަނާފައި ވަނީ ބްރޫޝިއާ ޑޯޓްމަންޑްގެ ޖޫޑޭ ބެލިންހަމް، ޗެލްސީގެ މޭސަން މައުންޓް، ކޯނޯ ގަލަގާ، ވެސްޓް ހޭމްގެ ޑެކްލަން ރީސް، ލިވަޕޫލްގެ ހެންޑަސަންގެ އިތުރުން މެންޗެސްޓާ ސިޓީގެ ކެލްވިން ފިލްޕްސްއެވެ.

ފޯވާޑުންގެ ގޮތުގައި ހިމަނާފައި ވަނީ ލެސްޓާ ސިޓީގެ ޖޭމްސް މެޑިސަން، މެންޗެސްޓާ ސިޓީގެ ފިލް ފޮޑެން، ޖެކް ގްރީލިޝް، ޓޮޓެންހަމްގެ ހެރީ ކޭން، އާސެނަލްގެ ބުކަޔޯ ސަކާ، ޗެލްސީގެ ރަހީމް ސްޓާލިން، ނިއުކާސަލްގެ ވިލްސަންގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ މާކޯސް ރަޝްފޯޑެވެ.

ވޯލްޑް ކަޕްގައި އިންގްލެންޑް ހިމެނެނީ ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އިރާނާއި، ވޭލްސްގެ އިތުރުން އެމެރިކާއެވެ. އިންގްލެންޑް ވޯލްޑް ކަޕް ފުރަތަމަ މެޗުގައި މި މަހު 21 ގައި ނުކުންނާނީ އިރާނާއި ދެކޮޅަށެވެ.