އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބޯ ކަޕްގެ ތިންވަނަ ބުރުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ޑާބީ ކައުންޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ހަތަރުވަނ ބުރުން ލިވަޕޫލް ޖާގަ ހޯދައިފިއެވެ.

ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމުންކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވުމުން، މެޗުގެ ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ލިވަޕޫލުން މެޗު ކާމިޔާބު ކޮށްފައި ވަނީ ޕެނަލްޓީގައި 3-2 ގެ ނަތީޖާއިން ޑާބީ ކައުންޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

Ad
rt

ލިވަޕޫލް ރޭގެ މެޗަށް ނެރުނު ޓީމުގައި ގިނަ ޒުވާން ކުޅުންތެރިން ހިމަނާފައިވާއިރު، އެ ޓީމްގެ ޒުވާން ކީޕަރު ކެލާހާ ވަނީ ރޭގެ މެޗުގައި ތަފާތު ދައްކާފައެވެ. އޭނާ ވަނީ ޑާބީ ކައުނޓީގެ ތިން ޕެނަލްޓީ މަތަކޮށްފައެވެ. އެގޮތުން ކޯނޯ ހޮރިހޭން، ކްރެއިގް ފޮރިސްތު އަދި ލެވިސް ޑޮބިން ފޮނުވާލި ޕެނަލްޓީ އޭނާ ވަނީ މަތަކޮށްފައެވެ. ޑާބީ ކައުންޓީއަށް ކާމިޔާބުކުރެވުނީ މެކްގޮލްޑްރިކް އާއި ލުއީ ސިބްލޭގެ ޕެނަލްޓީއެވެ.

ލިވަޕޫލަށް ނާކާމިޔާބުވީ ސްޓެފާން ބަޖްސެޓިޗް އާއި ރޮބާޓޯ ފިރްމީނޯގެ ޕެނަލްޓީއެވެ. އެ ޓީމުގެ އޮކްސްލޭޑް ޗެމްބަލެއިން، ޑާވިން ނޫނޭޒްގެ އިތުރުން ހާވީ އެލިއަޓްގެ ޕެނަލްޓީތައް ވަނީ ކާމިޔާބުކޮށްފައެވެ.

ކަރަބޯ ކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލައިލާއިރު، ނިއުކާސަލުން ވަނީ 3-2 އިން ޕެނަލްޓީގައި ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. ނޮޓިންހަމް ފޮރެސްޓް އަތުން 2-0 ގެ ނަތީޖާއިން ބަލިވެ ޓޮޓެންހަމް މުބާރާތުން ކަޓާފައިވާއިރު، ސައުތެމްޓަންއިން ވަނީ ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއިން ޝެފީލްޑް ބަލިކޮށް މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދާފައެވެ. ވުލްވެސްއާއި ލީޑްސް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ވުލްވްސް މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދިއިރު، ވެސްޓްހޭމް ވަނީ ބްލެކްބާން ރޯވާސް އަތުން ޕެނަލްޓީގައި ބަލިވެ މުބާރާތުން ކަޓާފައެވެ.