އަންނަ އަހަރަށް ދައުލަތުން ލަފާކުރައްވާފައިވާ ބަޖެޓުން ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު އަމާޒަކީ ކޯވިޑާއި، ރަޝިއާ ޔޫކްރެއިން ހަނގުރާމައާއިއެކު ދިމާވި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެވި ގޮތެއްގައި ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ބަޖެޓްގެ ތަސައްވުރާއި ގުޅޭގޮތުން މަޖިލީހުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ނެވެ.
އަމީރު ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވި މިގޮންޖެހުންތަކާއިއެކު ދައުލަތުގެ ދަރަނި ފާއިތުވެދިޔަ އަހަރުތަކުގައި އިތުރުވެފައިވާ ކަމަށާއި ދަރަނި ހަމަޖެއްސުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހާއްސަ އިސްކަމެއްދީގެން އާމްދަނީ އިތުރުކުރާނެ ގޮތްތައް ހިމަނާފައިވާނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އަންނަ 2023 ވަނަ އަހަރުގެ ބަޖެޓުން އަޅުގަނޑުމެންނަށް ފާހަގަ ވެގެން ދަނީ ފިޒިކަލް ސަސްޓެއިނަބިލިޓީއާއި ދިމާލަށް ދަތުރުކުރުން ކަމަށެވެ. އަދި ދައުލަތުގެ ދަރަނިތައް ކުޑަކޮށް، މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުން ކަމަށެވެ.
42.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް، އަންނަ އަހަރަށް ލަފާކުރައްވާ ސަރުކާރުން، މަޖިލީހަށް ހުށަހަޅުއްވާފައިވާއިރު، ހަރަދުގެ ގޮތުގައި 40.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ވަނީ ލަފާކުރައްވާފަ އެވެ. އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި 28.6 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކުރައްވާފައި ވެއެވެ.
މީގެ އިތުރުން އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ލަފާކުރަައްވާއިރުމ މިއީ 2022 ވަނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާ އަޅައިބަލާއިރު، 21.8 އިންސައްތަ އިތުރު އަދަދެއްކަމަށް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރ ވިދާޅުވީ މި އަހަރު ރާއްޖޭގެ އިޤްތިޞާދު 12.3 އިންސައްތައިން ކުރިއަރާނެކަމަށާއި 2023 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 7.6 އިންސައްތައިން ކުރިއަރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!