އަންނަ 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރްވާ ބަޖެޓަށް ބަހުސްގެ ވަގުތު އިތުރުކޮށް، ބަހުސް މަރުހަލާ މިއަދު ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން އެދިވަޑައިގެންފައިވަނީ ބަހުސްކުރައްވައި ނިމެންދެން ފުރުސަތު ދިނުމަށެވެ. އަދި ހުސްވަގުތުތަކަށް ތަން ދެމުން ރޭގަނޑު 10 އަށް ޖަލްސާގެ ވަގުތު އިތުރުކުރުމަށެވެ.

Ad
rt

މީގެ އިތުރުން ބަހުސްގެ ތިންވަނަ ދުވަހު ވެސް ބަހުސްކުރައްވަން އެދިވަޑައިގެންފައިވާ މެންބަރުން ބަހުސްކުރައްވައި ނިމެންދެން ފުރުސަތު ދިނުމަށާއި ހުސްވަގުތަށް ތަން ދެމުން ޖަލްސާގެ ވަގުތު އިތުރުކުރުމަށް ވެސް މެމްބަރުން ވަނީ އެދިވަޑައިގެންފަ އެވެ.

އެގޮތުން ބަޖެޓުގެ ބަހުސް މަރުހަލާގެ ވަގުތު އިތުރުކުރުމަށް ފެންނަ ކަމަށް ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 42 މެންބަރުންގެ ތެރެއިން 37 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ބަޖެޓަށް ބަހުސްކުރެއްވުމަށް ކޮންމެ މެމްބަރަކަށް 15 މިނެޓުގެ އެއް ފުރުސަތު ދިނުމަށާއި ބަޖެޓު ދިރާސާކުރުމަށް ފަހު ކޮމިޓީ ރިޕޯޓު ހުށަހެޅުމުން ރިޕޯޓަށް ބަހުސް ކުރާ މަރުހަލާގައި އިތުރު ހަތް މިނެޓުގެ ވަގުތު ކޮންމެ މެންބަރަކަށް ދިނުމަށް ކަނޑައެޅުމަށް މަޖިލީހުގެ އާންމު ކޮމިޓީން ލަފާދެއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ބަޖެޓަށް ބަހުސް ކުރައްވާ ވަގުތު މެންބަރުން ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރ އަމީރު މަޖިލިހަށް ހާޒިރުވެވަޑައިގެން 45 މިނެޓު ވަންދެން ޖަވާބު ދެއްވާނެ ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 42.68 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.