ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް)ގެ ދަށުން މާލޭގައި ދޭން ފަށާފައިވާ މިނީ ބަހުގެ ހިދުމަތަށް ހަ އިލެކްޓްރިކް މިނީ ބަސް އިތުރުކޮށްފިއެވެ.

އާރްޓީއެލްގެ ހިދުމަތް ފޯރުކޮށްދެމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި ބަސްތައް ރާއްޖެ ގެނައީ އިއްޔެއެވެ.

Ad
rt

އެ ކުންފުނިން ބުނީ މިރޭ ބުނީ، އަލަށް ގެނައި ކަރަންޓު މިނީ ބަސްތަކާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނެޓް ޒީރޯ ސިޔާސަތު ހަގީގަތަކަށް ހެދުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އެކުންފުންޏަށް ލިބިގެންދާނެ ކަމަށާއި އެއީ ލިބޭ އުފަލެއް ކަމަށެވެ.

ކަރަންޓު މިނީ ބަސްތަކުގައި 11 ސީޓު ހުންނައިރު އެ ބަހުގައި ފުރޮޅުލީ ގޮޑި ބޭނުން ކުރެވެން ހުންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް މިހާރު ބޭނުން ކުރަނީ 18 ބަހެވެ. މި ބަސްތަކަކީ ޑީސަލް ބަސްތަކެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް އެންމެ ފުރަތަމަ ޕްލޭން ކުރީވެސް އިލެކްޓްރިކް ބަސްތައް ގެނައުމަށެވެ. ނަމަވެސް ހަރަދު ބޮޑުވުމާ ގުޅިގެން ހިދުމަތް އަވަހަށް ފެށުމަށް ޑީސަލް ބަސް ގެނައީ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.