ދިވެހިންގެ ސިއްހީ ހާލަތާގުޅޭ އިންޒާރުގެ ރަނގަބީލެއްގެ އަޑު އިވޭތާ އެތައް އަހަރުތަކެއް ވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހާއްސަ މަސައްކަތް އިފްތިތާހް ކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގައުމީ ޔުނިވަރސިޓީން ހުށަހަޅައިދިން ދިރާސާގެ ނަތީޖާ ވެސް އެ ދައްކައިދެނީ، އެ ހަގީގަތް ކަމަށެވެ. އަދި ޔުނިވަރސިޓީން ކޮށްދެއްވައިފައި އެ އޮތީ، ވަރަށް މުހިންމު ވަރަށް ބޭނުންތެރި މަސައްކަތެއް ކަމަށެވެ.

Ad
rt

އެމަނިކުފާނު ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ދިވެހިންގެ މެދުގައި ފެތުރިފައިވާ މިންވަރު އެ ދިރާސާއިން ވަރަށް ރަނގަޅަށް ފެނިގެން ހިނގައްޖެ ކަމަށެވެ.

"ހަކުރު ހުންނަ މިންވަރު މާ މައްޗޭ. ލޭގެ ޕްރެޝަރުވެސް ހުރީ މާ މަތިވެފައޭ. އަދި ކޮލެސްޓެރޯލްވެސް ހުރީ ކަންބޮޑުވާންޖެހޭ މިންވަރަށްވުރެ މާ މައްޗަށް ގޮސްފައޭ. ނުވަތަ ބޯޑަރު ލައިނުން ނައްޓައިފައޭ. އެ ދިރާސާގެ ކުރު ހުލާސާއަކީ، މިހެން ބަލަން ތިބެވޭކަށް ނެތޭ. ތެދުވާށޭ. ތެދުވެ ހަރަކާތްތެރިވާން ފަށާށޭ. ދުވެ، ކުޅެ، ކަސްރަތު ކުރަން ފަށާށޭ. ވަޒީފާ އަދާކުރުމުގައިވެސް ހަރަކާތްތެރިވެ އުޅުމަށް ސަމާލުކަން ދޭށޭ." ރައީސް ވިދާޅުވި އެވެ.

ހަމަމިއާއެކު އެމަނިކުފާނު އިތުރަށް ވިދާޅުވީ ގިނަ ވަގުތު އިށީނދެ ތިބެގެން މަސައްކަތް ކުރުމަކީ ވެސް، ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ޓީ.ވީ. ބެލުމާއި ގޭމް ކުޅުމުގައި ގިނަ ވަގުތު ހޭދަކުރުމަކީ ވެސް ސިއްހީ އެތައް މައްސަލަތަކެއްގެ ފެށުން ކަމަށެވެ.