ކ. ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފި އެވެ.
މި ވެވުނު އެއްބަސްވުމުގެ ދަށުން، 27 މަސް ދުވަހުގެ ތެރޭގައި ޕޮލިޓެކްނިކް ތަރައްޤީކޮށް ހިންގަން ފެށުމަށް ހަމަޖެހިފައިވާއިރު، މުޅި އެއްބަސްވުން އެކުލަވާލެވިފައިވަނީ 50 އަހަރުގެ މުއްދަތަށެވެ.
ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް ހާއްސަކޮށްފައިވީނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް ވަނީ ނިންމާފަ އެވެ.
މި ޕޮލިޓެކްނިކް ޢިމާރާތް ކުރުމަށް ތުލުސްދޫއިން 32،581.25 އަކަފޫޓްގެ ބިމެއް ހަމަޖައްސާފައިވާއިރު، މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ވޯޓަރ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށްޓަކައި 1208.33 އަކަފޫޓުގެ ބިމެއް ބީޗް ފްރޮންޓުން ވަނީ ހަމަޖައްސާފަ އެވެ.
މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކަކާއި އެކޮމަޑޭޝަން ބްލޮކެއް ހުންނާނެ އެވެ. އަދި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް ޓޫރިސްޓް ފެސިލިޓީއެއް ތަރައްޤީކުރާނެ އެވެ.
މީގެ އިތުރުން މަދުވެގެން 6 ކްލާސް ރޫމާއި އައި. ސީ. ޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެ އެވެ. އަދި އިދާރީ ޚިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެ އެވެ.
ހަމަމިއާއެކު ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓާއި ފަސްޓްއެއިޑްގެ ހިދުމަތް ފަދަ އަސާސީ ކަންކަން ވެސް ހިމެނިފައިވާނެ އެވެ.
މިއަދުގެ ބައްދަލުވުމުގައި ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިންނާއި ވިލާ އެޑިޔުކޭޝަނަލް ސާވިސަސްގެ ބޭފުޅުންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމާއި، ތުލުސްދޫ ކައުންސިލްގެ ބޭފުޅުން (އޮންލައިންކޮށް) ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިއީ ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހަވާލުކުރެއްވި މަސައްކަތެކެވެ.
ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކްޓުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ޙިލްމީ އެވެ. ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ.އަލީ ނަޖީބެވެ.
މި މަޝްރޫޢަކީ، މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ހިންގާ ޕްރޮޖެކްޓެކެވެ.
މިއީ އިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން ކުރާ އުސޫލުން ކުރުމަށް ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!