ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމްގެ ސަރުކާރުގައި އޭރުގެ އިދިކޮޅުގައި އޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބު ބޭއްވިއިރު ފުލުހުން ފޮނުވަންޖެހުނީ، އެމްޑީޕީއަށް ވޯޓު ގުނުމުގެ ކަންތައް ކުރިއަށް ނުގެންދެވިގެން ވޯޓު ގުނައިދޭން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، އެމަނިކުފާނު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ފޭދޫގައި ބޭއްވި ''ފޭދޫވެސް ޕީޕީއެމް'' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ނިމިދިޔަ ޕްރޮގްރެސިވް، ޕީއެންސީ ކޮންގްރެސް ކޯލިޝަންގެ އެތެރޭގެ އިންތިޚާބަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެ އިންތިޚާބު ދިޔައީ ސުލްހަވެރިކަމާއެކު އޮމާންކޮށް ކަމަށެވެ.

''އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ދިޔަގޮތަކަށް ނޫން، އުވަގަށާ މެޝިނަކަށް ކަރުދާސް އަޅައިގެން އުޅޭތަނެއް ނުފެނޭ'' ޔާމީން ވިދާޅުވިއެވެ.

އިދިކޮޅުގެ އެތެރޭގެ އިންތިޚާބަށް މި ސަރުކާރުން ހުރަސް ނާޅާކަމަށާއި، ނަމަވެސް އިދިކޮޅުގައި އެމްޑީޕީ އޮތް އިރު، އޭރުގެ ޕީޕީއެމްގެ ސަރުކާރުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ހުރަސްއެޅުއްވިކަން މިހާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟު އިސްމާޢީލް ވަނީ ހަނދާން އައުކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބަކާއި ޕީޕީއެމްގެ އިންތިހާބުގެ ފޮޓޯތަކަކާއެކު ކުރެއްވި އެ ޓްވީޓްގައި ފައްޔާޟު ވަނީ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް މަރުހަބާ ކިޔުއްވާފަ އެވެ.

"ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސް ސޯލިހު، ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް." އެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މީގެ 5 އަހަރު ކުރިން މަންޒަރު ކިތަންމެހާ ވެސް ތަފާތު ކަމަށާއި ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެވާހަކައާއި ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވީ، އެމްޑީގެ ''ހަޖަމުގެ'' މައްސަލައެއް އުޅޭތީ އާއި، ރާއްޖެއަށް ޑިމޮކްރަސީ ތައާރަފްކޮށް، ރާއްޖެއަށް އަންނަ ހުރިހާ ކުރިއެރުމަކީ އެމްޑީޕީން ގެނައި ނިޒާމްގެ ތެރެއިން އަންނަ ކުރިއެރުންކަން ބުނާ މީހުންނަށް އެމަނިކުފާނު ރައްދުގައި އެއްޗެއް ދަންނަވާލަން ބޭނުންފުޅުވާ ކަމަށެވެ.

''އިއްޔެ ހިނގާދިޔަ އިންތިޚާބުގައި ކަންތައް ހިނގާދިޔައީ އެއްވެސް ގޮތަކަށް އިބްރާޙީމް މުޙައްމަދު ޞާލިހްގެ ހެޔޮފުޅުކަމުން، ފުލުހުން ނުފޮނުވާތީ އޮމާންކޮށް ދިޔަ އިންތިޚާބެއް ނޫން، އިބްރާހީމް މުހައްމަދު ޞާލިޙް އެތަނަށް ފުލުހުން ފޮނުވައިގެން ކުރާނީ ކީއްތޯ، އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން ހިނގައިގެން ނޫޅޭ،'' ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އެ އިންތިޚާބުގައި ވޯޓުލާން ބޭނުންވާ މީހުން އެތައް ދާއިރާތަކަކަށް ނުކުމެ، ހެނދުނުއްސު އިރު އޮއްސެންދެން އަދި ބައެއް ދިމާތަކުގައި ރޭގަނޑު ނުވައެއް ޖަހަންދެން ވޯޓުލަމުން ދިޔަ ކަމަށެވެ. އެ ފެނިގެން ދިޔައީ ޑިމޮކްރަސީގެ ރީތި މިސާލު ކަމަށާއި، އެ އިންތިޚާބުގެ ތެރޭގައި ހަމަނުޖެހުންނަގާލައި، މީހުންގެ ތަންތަން ފަޅާލައި، ޖިސްމާނީ އަނިޔާދީ މިކަހަލަ އެއްވެސް ގާނޫނާ ޚިލާފްކަމެއް ނުހިނގާ ކަމަށް ވެސް ވިދާޅުވިއެވެ.

''ދެން މިވިދާޅުވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ތިމަންނަމެން އިންތިޚާބު ބާއްވަމުންދިޔައިރު ފުލުހުން ފޮނުވިޔޭ، އެތެއް ކަންނޭނގެ، ފުލުހުން ފޮނުވީ ކީއްކުރަންތޯ އެބޭފުޅުންނަށް ވޯޓު ގުނުމުގެ ކަންތައް ނުކުރެވިގެން ވޯޓުވެސް ގުނައިދިނީ ފުލުހުން، އެހެންވެގެން ފުލުހުން އެތަނަށް ދިޔައީ'' ޔާމީން ވިދާޅުވިއެވެ.

މިކަލަވާހަކަ ދައުލަތުގެ މުއައްސަސާތަކުގައި ތިބޭ މީހުން ދެއްކީމަ ލަދުވެތިވާނެ ކަމަށާއި، އެމްޑީޕީއަކީ އަބަދުވެސް ތާރީޚް އޮޅުވާލަން މަސައްކަތްކުރާ ބަޔެއް ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.