ޖަރުމަނު ލީގުގައި މިރޭ ބަޔާން ލެވަކޫސަންއާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ލެވަކޫސަނުން ކާމިޔާބު ކޮށްފިއެވެ.
ލެވަކޫސަންގެ އަމިއްލަ ދަނޑުގައި އެ ޓީމުން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ޔޫނިއަން ބާލިން ބަލިކޮށްފައެވެ.
ރޭ ބަޔާން މިއުނިކާއި ހާތަ ބާލިން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ބަޔާން ޖެހިލާފައި އޮތީ 13 މެޗުން ލިބުނު 28 ޕޮއިންޓާއި އެކުގައެވެ. މިރޭގެ މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނާގައި އެއް ޕޮއިންޓްގެ ލީޑެއް ހޯދުމުގެ ފުރުޞަތު ޔޫނިއަން ބާލިންއަށް އޮތެވެ. ނަމަވެސް މެޗުން ބަލިވުމާއިއެކު އެ ޓީމް ވަނީ ދެވަނއަށް ވެއްޓިފައެވެ. މިހާރު ޔޫނިއަން ބާލިން ތާވަލުގެ ދެވަނާގައި އޮތީ 13 މެޗުން ލިބުނު 26 ޕޮއިންޓާއި އެކުގައެވެ. މިރޭ މެޗުން މޮޅުވި ލެވަކޫސަން އޮތީ 13 މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ތާވަލުގެ 14 ވަނާގައެވެ.
ލެވަކޫސަންގެ ކޯޗްކަމާއި ދާދިފަހުން ހަވާލުވި އެލަންސޯގެ އިރުޝާދުގެ ދަށުން އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި މެޗުގައި ވެސް އެ ޓީމުން ވަނީ އެ މޮޅު ކުޅުން ތަކުރާރު ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވު ނަމަވެސް، ދެވަނަ ހާފުގައި ލެވަކޫސަނުން ވަނީ 5 ލަނޑު ޖަހާފައެޗެ. ފުރަތަމަ ލަނޑު 46 ވަނަ މިނޓުގައި ކެރެމް ޑެމިރްބޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮބާޓް އެންޑްރިޗެވެ.
ދެވަނަ ލަނޑު 56 ވަނަ މިނެޓުގައި މޫސާ ޑިއާބޭ ކާމިޔާބު ކޮށްދީފައިވާއިރު، ތިންވަނަ ލަނޑު 58 ވަނަ މިނެޓުގައި މިޗެލް ބައްކާރ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ޑިއާބޭއެވެ.
މެޗުގައި ލެވަކޫސަންއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 68 ވަނަ މިނެޓުގައި އަމީރީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެޑަމް ލޮޖެކްއެވެ. ފަސްވަނަ ލަނޑު 76 ވަނަ މިނެޓުގައި ލޮޒެކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މިޗެލް ބައްކާރއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!