އިޓާލިއަން ލީގުގައި އެތުލާންޓާއާއި ނަޕޯލީ ބައްދަލުކުރި މެޗު ނަޕޯލީން ކާމިޔާބު ކުރިއިރު، މިލާނާއި ސްޕެޒިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް ފަހުވަގުތު ޖިރޫޑް ޖެހި ލަނޑުން މިލާން މޮޅު ވެއްޖެއެވެ.
އެތުލާންޓާގެ ދަނޑުގައި ކުޅުނު މެޗުގައި ނަޕޯލީން އެތުލާންޓާގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއަކުނެނެވެ.
އެތުލާންޓާއާއި ނަޕޯލީ ބައްދަލުކުރި މެޗުގައި ބަލާހިތްވާކަހަކަ ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް މެޗު ފެށިތާ ތިން މިނެޓްގެ ތެރޭ އއެތުލާންޓާގެ ހޮއިލާންޑަށް ވަނީ ލިބިފައެވެ. އެ ޓީމްގެ ލޫކްމަން މުޅިން ހުސްކޮށްލާފައި ދިންބޯޅަ ހޮއިލާންޑް ނަޕޯލީގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ނަމަވެސް ނަޕޯލީގެ ކީޕަރު ވަނީ އެ ހަމަލާ މަތަކޮށްފައެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ އެތުލާންޓާއިންނެވެ. މި ލަނޑަކީ އޭރިއާތެރެއިން ނަޕޯލީގެ އޮސީމެންގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެން ވީއޭއާރުން ބެލުމަށް ފަހު ދިން ޕެނެލްޓީއަކުން އެތުލާންޓާގެ ލޫކްމަން ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ނަޕޯލީން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 23 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އޮސީމެންއެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ އެ ޓީމްގެ ޒިއެލެންސްކީ އެތުލާންޓާގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯޅުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ނަޕޯލީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމްގެ ދެވަނަ ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު 35 ވަނަ މިނެޓުގައި އޮސީމެން ތަނަވސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެލްމާސްއެވެ.
މެޗުގެ ދެވަނަ ހާފުގައި އެތުލާންޓާގެ ލޫކްމަން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތްއިރު، ނަޕޯލީއަށް ލީޑު ފުޅާކުރަން ލިބުނު ފުރުޞަތުގައި ސިމިއޯނީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިނ ބޭރަށެވެ.
މި ސީޒަންގައި އާދަޔާ ޚީލާފް ފޯމެއްގައި އޮތް ނަޕޯލީ މިހާތަނަށް ލީގުގައި އަދި ބަލިވެފައި ނުވެއެވެ. މި ސީޒަންގައި އެ ޓީމް މިހާތަނަށް ބަލިވެފައި ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ލިވަޕޫލް އަތުން އެކަންޏެވެ.
ރޭ އޭސީ މިލާނާއި ސްޕެޒިއާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ މިލާނުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި މިލާނަށް ކާމިޔާބު ކޮށްދީފައި ވަނީ ތިއޯ ހެނާންޑޭޒްއެވެ. ސްޕެޒިއާއިން މެޗުގެ 59 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މަލްޑިނީއެވެ. މިލާނުން މެޗުން މޮޅުވި ލަނޑު 90 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އޮލިވަރ ޖިރޫޑެވެ. މި ލަނޑު ޖެހުމަށް ފަހު ޖޯޒީ ބާލައި އުފާފާޅުކުރުމާއި ގުޅިގެން ޖިރޫޑަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ.
މި ނަތީޖާތަކާއިއެކު މިވަގުތު ތާވަލުގެ އެއްވަނާގައި ނަޕޯލީ އޮތީ 6 ޕޮއިންޓްގެ ލީޑަކާއި އެކުގައެވެ. އެ ޓީމަށް 13 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް މިލާނަށް ލިބިފައި ވަނީ 13 މެޗުން 29 ޕޮއިންޓެވެ. ތިންވަނާގައި އޮތް އެތުލާންޓާއަށް 13 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، މިލާން އަތުން ބަލިވި ސްޕެޒިއާ އޮތީ ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް 13 މެޗުން ލިބިފައި ވަނީ 9 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!