ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި އަލްމޭރިއާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކުރިއިރު، މިއީ އެ ޓީމްގެ ޑިފެންޑަރ ޖެރާޑް ޕީކޭ ކެރިއާގެ ފަހުމެޗެވެ.
މި މެޗަށްފަހު ފުޓްބޯޅައިން ރިޓަޔަރ ކުރާނެކަން ޕީކޭ އިޢުލާން ކޮށްފައިވާއިރު، މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައި ވަނީ ވެސް ޕީކޭއެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ޕީކޭ ވަނީ ބަދަލުކޮށްފައެވެ. އޭނާ ދަނޑުން ފޭބިވަގުތު ރޮވިފައިހުރި އިރު، ބާސާ ދަނޑައް އެއްވެ ތިބި އެ ޓީމްގެ ސަޕޯޓަރުން ވަނީ ޕީކޭއަށް ވަރަށް ބޮޑަށް ތަރުހީބް ދީފައެވެ.
މެޗަށްފަހު ބާސާގެ ސަޕޯޓަރުންނާއި މުހާތަބުކޮށް ވާހަކަ ދައްކަމުން އުމުރުން 35 އަހަރުގެ ޕީކޭ ބުނެފައި ވަނީ އުމުރުން ދުވަސްވުމާއިއެކު ބައެއް ނިންމުންތަ ނިންމަންޖެހޭ ކަމަށާއި، މިގޮތުން ހިތް އެދޭ ކަންކަމުން ވެސް ދުރުވާޖެހޭ ވަގުތުތައް ވެސް އަންނާނެ ކަމަށެވެ. ފުޓްބޯޅަ ކުޅުން ހުއްޓާލުމަކީ އެކަހަލަ ކަމެއްކަމުގައި އޭނާ ވަނީ ސިފަކޮށްފައެވެ.
ޕީކޭ އިތުރަށް ބުނެފައި ވަނީ އޭނާއަކީ ބާސާއަށް އުފަން ކުޅުންތެރިއެއް ކަމަށާއި، ވުމާއެކު އޭނާ މަރުވާނީ ވެސް އެ ގޮތުގައި އެތަނުގައި ކަމަށެވެ. ޕީކޭ ވަނީ ބާސާއަށް ޚިދުމަތް ކުރުމަށް އަދި އެނބުރި އަންނާނެ ކަމަށް ވެސް ބުނެފައެވެ.
ޕީކޭއައީ ބާސާގެ އެކަޑަމީގެ ކުޅުންތެރިއެކެވެ. އޭނާ 2004 ވަނަ އަހަރު ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން ލިބުނު އޮފާއެއްގެ ދަށުން އެ ޓީމާއިއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ގައި 08-2007 ގެ ސީޒަންގެ ނިޔަލަށް ކުޅެފައިވައެވެ. އެ ދުވަސްވަރަކީ ފަހުގެ ތާރީޚެއްގައި ޔުނައިޓެޑްގައި އޮތް އެންމެ ވަރުގަދަ ޓީމް އޮތް ދުވަސްވަރަށް ވުމުން ޕީކޭއަށް ޔުނައިޓެޑް ޖޯޒީގައި ކުޅެލަން ލިބިފައި ވަނީ މަދު ފުރުޞަތެކެވެ. ނަމަވެސް އޭނާ ވަނީ ޔުނައިޓެޑާއިއެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ޕީކޭ ބާސާއަށް ގެނެސްފައި ވަނީ އޭރު އެ ޓީމުގެ ކޯޗްގެ މަޤާމުގައި ހުރި ގާޑިއޯލާއެވެ. ބާސާއަށް ބަދަލުވެ އޭނާ ވަނީ 600 އަށް ވުރެ ގިނަ މެޗު ކުޅެދީ، 30 ތައްޓެއް ކާމިޔާބު ކޮށްފައެވެ. މިގޮތުން އޭނާ ވަނީ ސްޕެނިޝް ލަލީގާގެ ތަށި އަށްފަހަރު ، ޗެމްޕިއަންސް ލީގުގެ ތަށި ތިންފަހަރު، ކޮޕަ ޑެލް ރޭގެ ތަށި ހަތްފަހަރު ކާމިޔާބު ކޮށްފައެވެ.
ޕީކޭ ސްޕެއިންގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާފައި ވަނީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ ސްޕެއިން ޤައުމީ ޓީމާއިއެކު ވެސް ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އޭނާ ވަނީ ސްޕެއިން ޓީމާއިއެކު ކާމިޔާބު ކޮށްފައެވެ. ޕީކޭ ސްޕެއިން ސީނިއާ ޓީމަށް 102 މެޗު ވަނީ ކުޅެދީފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ބާސާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެއެވެ. މެޗުގައި ބާސާއަށް ފުރަތަމަ ލަނޑު 48 ވަނަ މިނެޓުގައި ޑެމްބެލޭ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިޖޮންއެވެ.
މި މެޗުން މޮޅުވުމާއިއެކު އެއްވަނާގައި އޮތް ރެއާލަށް ވުރެ އިތުރަށް އެއް މެޗުކުޅެ ބާސާ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ބާސާއަށް 13 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، މިވަގުތު ދެވަނާގައި އޮތް ރެއާލަށް 12 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ. ހޯމަ ދުވަހުގެ ރޭ ރެއާލް ނުކުންނާނީ ރަޔޯ ވަޔެކާނޯއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ސުރުޞަތު ރެއާލަށް އެބައޮތެވެ. ބާސާ އަތުން ބަލިވި އަލްމޭރިއާ މިވަގުތު އޮތީ ތާވަލުގެ 15 ވަނާގައެވެ. އެ ޓީމަށް 13 މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!