ދިޔަވަރު ބޮޑު ގަޑިތަކުގައި މެދުރާއްޖެއާއި ދެކުނުގެ ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެ އެވެ.
އެ އޮފީހުން ނެރުނު މޫސުމީ ބްލެޓިންގ ގައި ވިދާޅުވެފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު ހަ މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
މިއަދުގެ އިރު އޮއްސުމާއި ހަމައަށް ނެރެފައިވާ މި ބްލެޓިންގ ގައި އިތުރަށް ވިދާޅުވީ ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ ކަނޑުތައް މަޑުވާނެ ކަމަށް ލަފާކުރައްވާފައިވާއިރު، އެހެން ހިސާބުތަކުގައި ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް ވަނީ ލަފާކުރައްވާފަ އެވެ.
މީގެ އިތުރުން ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ލަފާކުރައްވާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!