ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދު އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފި އެވެ.
އެ އިދާރާ އިން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށެވެ.
މިއަދު ހެނދުނު 08:45 އިން ފެށިގެން 13:30 އާއި ހަމައަށް ނެރެފައިވާ އެލާޓުގައި ވިދާޅުވެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މެދުރާއްޖެތެރެއާއި، ދެކުނުގެ ސަރަޙައްދުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެކަމަށް ވެސް ލަފާކުރައްވާފައި ވެއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައިވާއިރު، މާލޭގެ އަލިމަސް ކާނިވާ ސައްރަހައްދަށް ރެއާއި މިއަދު ހެނދުނު ވަނީ އުދަ އަރާފަ އެވެ. އޭގެ ސަބަބުން އެ ސަރަޙައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓަކަށް ވެސް ލޮނުގެ އަސަރުކޮށްފައި ވެއެވެ.
ކުރިއަށްއޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ވަނީ ލަފާކުރައްވާފަ އެވެ. އެހެންނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގެއަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން ވެސް އެކަށީގެންވާކަމަށް ލަފާކުރައްވާފައި ވެއެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް އެ އިދާރާއިން ލަފާކުރައްވަ އެވެ.
އެހެންކަމުން މޫސުމަށް ސަމާލުވުމަށާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން އެންމެފަހުގެ މައުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!