ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ތަރުޖަމާނަކަށް އަނަސް އަބްދުއްސައްތާރު ހަމަޖައްސަވައިފިއެވެ.
އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް ހަމަޖައްސާފައިވާކަން އެމްޑީޕީން މިއަދު ވަނީ ހާމަކޮށްފައެވެ.
އަނަސް ވަނީ 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައެވެ. އަނަސް އެންމެފަހުން ހުންނެވީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިސްގެ ރައީސްކަމުގައެވެ.
އަނަސް އަކީ މިވަގުތު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
އަނަސް ޢަބްދުއްސައްތާރަކީ، ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ބެޗަލަރ އޮފް ލޯސް އެލް.އެލް.ބީ (އޮނާރސް) ޝަރީއަރ އެންޑް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
އަނަސް ޢަބްދުއްސައްތާރަކީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި މާލެ ސިޓީ ކައުންސިލްގެ ވަކީލުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމް.ޓީ.ސީ.ސީ)، ބްރޯޑްކާސްޓިންގް ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ހިމެނެއެވެ. އަދި، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެޤްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!