އައްޑޫ ސިޓީގެ ހިތަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިއިރު، ހިންދޫ އަޅުކަމެއް ކޮށްފައިވަނިކޮށް، އެ މައްސަލަ ކުށްވެރިކޮށް އެ މައްސަލަބައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅައިފިއެވެ.

އައްޑޫގެ މަގުތައް ހަދަނީ ތިލަމާލެ ބްރިޖު ހެދުމަށް ވެސް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އައްޑޫ ހިތަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިއިރު، ހިންދޫ އަޅުކަން ކުރާ ވީޑިއޯތައް ވަނީ މީސްމީޑިއާގައި އާންމުވެފައިއެވެ. ހިތަދޫ މަގުތައް ހެދުމުގެ މަސައްކަތް އިއްޔެ ރަސްމީކޮށްފެށިއިރު، ތާރު އަޅަން ބޭނުންކުރާ މެޝިނުގެ ކައިރީގައި ތިބެ އަޅުކަން ކުރުމަށް ފަހު، އެ މެޝިނުގައި ކާއްޓަކުން ޖަހަައި ފަޅައިލާ މަންޒަރު މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ.

Ad
rt

މިކަން މިހެން ހިނގާފައިވަނިކޮށް އިސްލާމިކް މިނިސްޓްރީން ރޭ އެ މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވިގޮތުގައި، އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޝްރޫޢުއެއްގައި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކާއި އަދި ގަވާޢިދުތަކާއި ޚިލާފަށް އެހެންދީނެއްގެ ޝިޢާރެއް ފާޅުކުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ކުށްވެރިކުރައްވައި، އެ މައްސަލަ ބަަލައިދިނުން އެދި ފުލުހުންނަށް ހުށަހަޅުއްވާފައެވެ.

ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖޭގެ ރަށެއްގައި އެހެންދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސްކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާކުރާ ކަމެއްކަން އެ މިނިސްޓްރީން ވަނީ ފާހަގަ ކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިންކަމަށްވެފައި، އުސޫލެއްގެ ގޮތުން އެއް މަޒުހަބަކަށް އެންމެން އުޅެމުން އަންނަ އެއް ޤައުމިއްޔަތެއް ޙިއްސާކުރާ ބަޔަކަށް ވުމާއިއެކު، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖޭގެ އަމަންއަމާންކަމާއި ސުލްޙަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަމަށްވާތީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

''މި ޤާނޫނުގެ ދަށުން ހަދާފައިވާ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދުގެ 9ވަނަ މާއްދާގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.'' އެމިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އެހެންކަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ވަނީ މިކަން ކުށްވެރިކުރައްވާ މި މައްސަލަ ބައްލަވަން ފުލުހުންނަށްވެސް ހުށަހަޅުއްވާފައިކަމަށާއި، ރާއްޖޭގައި ތަފާތު މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ރާއްޖެއިން ބޭރުގެ ފަރާތްތައް މިފަދަ މަޝްރޫއުތައް ހިންގުމުގައި ހަރަކާތްތެރިވާތީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް އެފަރާތްތައް އަހުލުވެރިކުރުވުމަށް ކަމާގުޅުންހުރި ފަރާތްތަކަށް މިނިސްޓަރ ގޮވައިލައްވާކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.