މަދަރުސީ މަރުޙަލާގެ ދަރިވަރުންނަށް ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޝްރޫޢެއް ޢިލްމް އިންސްޓިޓިޔުޓް ފޯރ އިސްލާމިކް ސްޓަޑީޒް އިން ފެށުމަށް ނިންމާފައިވާ ކަން އިޢްލާނުކޮށްފި އެވެ.
އެ އިންސްޓިޓިއުޓުން ވިދާޅުވީ މިއީ ރާއްޖޭގެ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަން ދެވޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވެނިވި ގޮތެއްގައި ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޤުޞަދުގައި، ފަށާ މަޝްރޫއެއް ކަމަށެވެ.
އުމުރުން 7 އަހަރާ 16 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށް އަމާޒުކޮށްފައިވާ މި މަޝްރޫޢުގައި، ދަރިވަރުންނަށް ޢަރަބި ބަސް އުނގަންނައިދިނުމަށް ބޭނުންކުރާނެ މުޤައްރަރަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ މުޤައްރަރެއް ކަމަށް ވެސް އެ ޖަމިއްޔާ އިން ވިދާޅުވި އެވެ. އަދި މި މުޤައްރަރުގެ ތެރެއިން ދަރިވަރުންނަށް ކިޔަވައިދެވޭނީ މަރުޙަލާތަކަކަށް ބަހާލެވިގެން، އެއް މަރުޙަލާ ނިމުމުން ދެން އޮތް މަރުޙަލާއެއް ފަށާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ފެންވަރު ރަނގަޅު މުދައްރިސުންގެ އެހީއާ އެކު މުޅި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަކީ، ފަސޭހައިން ޢަރަބި ބަހުން މުޢާމަލާތުކުރަން ދަންނަ ބަޔަކަށްވެ، ކީރިތި ޤުރްއާނާއި ރަސޫލުﷲ ﷺ ޙަދީޘްފުޅުތަކުގެ މާނަ ފަސޭހަކަމާ އެކު ދެނެގަތުމުގެ ޤާބިލުކަން ހުރި ބަޔަކަށް ވާނެ ކަމަށް ވެސް އިލްމު އިންސްޓިޓިއުޓުން ވިދާޅުވި އެވެ.
އެ އިންސްޓިޓިއުޓްގެ އޮފިޝަލު ވިދާޅުވީ ދެ ޖިންސުގެ ސްކޫލް ދަރިވަރުންނަށް ހުޅުވާލެވިގެން ފެށޭ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި، އިތުރު ތަފްޞީލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.
16 އަހަރުން މަތީގެ ފަރާތްތަކަށް ޢަރަބި ބަސް އުނގަންނައިދޭ އެމް.ކިޔު.އޭ ބަލައިގަންނަ ކޯސްތަކެއް ވެސް ކުރިއަށްގެންދާ ޢިލްމު އިންސްޓިޓިއުޓްގައި ވަރަށް ބޮޑު އަހައްމިއްޔަތެއް ދެވިގެން 100 ޙާފިޡުން އުފެއްދުމުގެ މުހިންމު މަޝްރޫއެއް ދަނީ ކުރިއަށެވެ.
ދިވެހިންގެ ވަރަށް ބޮޑު ތަރުޙީބަކާ އެކު ކުރިއަށްދާ މި ޕްރޮގްރާމުގައި 200 އަށް ވުރެ ގިނަ ދަރިވަރުން ކީރިތި ޤުރްއާން ޙިފްޡު ކުރަމުން ދާއިރު، މިއީ ދިވެހި މުޖުތަމަޢުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް ރާއްޖޭގައި ޙާފިޡުން އިތުރުކުރުމުގެ މަތިވެރި މަޤުޞަދުގައި އިލްމު އިންސްޓިޓިއުޓުން ކާމިޔާބުކަމާ އެކު، މިހާރުވެސް ކުރިއަށް ގެންދާ ވަރަށް ޚާއްޞަ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!