ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ޕޯޓޯއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ޕޯޓޯއިން ކާމިޔާބުކޮށް އެ ގްރޫޕްގެ އެއްވަނަ ހޯދިއިރު، ގްރޫޕުގައި ލެވަކޫސަންއާއި ކުލަބް ބްރޫޖް ބައްދަލުކުރި މެޗު އެއްވަރުވެ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ކުލަބް ބްރޫޖް ޖާގަ ހޯދައިފިއެވެ.
ޕޯޓޯގެ އަމިއްލަ ދަނޑުގައި އެ ޓީމުން އެތުލެޓިކޯ މެޑްރިޑްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފު ޕޯޓޯއިން ދެ ލަނޑުގެ ލީޑަކާއިއެކު ނިންމާލިއިރު، ފުރަތަމަ ލަނޑު 5 ވަނަ މިނެޓުގެ ތެރޭ އެވާނިލްސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މެހްދީ ޓަރެމީއެވެ. ދެވަނަ ލަނޑު 24 ވަނަ މިނެޓުގައި ގަލޭނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އުއެސްޓަކިއޯއެވެ.
މެޗުގައި އެތުލެޓިކޯއިން ކާމިޔާބުކުރި ލަނޑަކީ، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޕޯޓޯގެ އިވާން މަރަކާނޯގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.
މި ގްރޫޕްގައި ހިމެނޭ ބަޔާން ލެވަކޫސެންއާއި ކުލަބް ބްރޫޖް ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި ނަތީޖާތަކާއިއެކު މި ގްރޫޕްގެ އެއްވަނަ ޕޯޓޯއަށް ލިބެނީ ކުޅުނު 6 މެޗުން ލިބުނު 12 ޕޮއިންޓާއި އެކުގައެވެ. ދެވަނަ ކުލަބް ބުރޫޖަށް ލިބިފައި ވަނީ 6 މެޗުން ލިބުނު 11 ޕޮއިންޓާއި އެކުގައެވެ. ގްރޫޕްގެ ތިންވަނާގައި 6 މެޗުން ލިބުނު 5 ޕޮއިންޓާއިއެކު ބަޔާން ލެވަކޫސެން އޮތްއިރު ހަމަ މި އަދަދަށް ޕޮއިންޓް ލިބިގެން ތާވަލުގެ ފުލުގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ލެވަކޫސެންއަށް ތިންވަނަ ލިބެނީ ހެޑް ޓު ހެޑްއިން ކުރި ލިބިގެންނެވެ. ތިންވަނަ ލިބުމުން ލެވަކޫސެން ދެން މި ސީޒަންގައި ވާދަކުރަން ޖެހޭނީ ޔޫރަޕާ ލީގުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!