ޔުއެފާ ޗެމްޕިއަންސް ލީގުގެ މި ސީޒަންގައި ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަ ރެކޯޑަކާއިއެކު ބަޔާނުން ގްރޫޕް ސްޓޭޖް ނިންމާލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ބަޔާނުން އިންޓަ މިލާނާއި ދެކޮޅަށް ނުކުތްއިރު ވެސް އެ ޓީމަށް ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައެވެ. ރޭ ބަޔާނުން އިންޓަގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މެޗު ޑޮމިނޭޓް ކޮށްގެން ބަޔާނުން ކުޅެފައިވާއިރު، މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި ކިމިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޖަމިން ޕަވާޑެވެ. ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި އަލްފަންސޯ ޑޭވިސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޗޮޕޫ މޯޓިންގއެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ދެ ޓީމް ކަމުގައިވާ ބާސެލޯނާއާއި ވިކްޓޯރިއާ ޕްލެޒެނެ ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ބާސާއެވެ.

މި މެޗުގައި ފުރަތަމަ ހާފު ބާސާއިން ނިންމާލާފައި ވަނީ ދެ ލަނޑުގެ ލީޑަކާއި އެކުގައެވެ. ފުރަތަމަ ލަނޑު 6 ވަނަ މިނެޓުގައި މާކޯސް އެލަންސޯ ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު 44 ވަނަ މިނެޓުގައި ޖޯޑީ އަލަބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފެރާން ޓޯރޭސްއެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވިކްޓޯރިއާ ޕްލެޒެންއިން ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ތޯމަސްއެވެ. ބާސާގެ ތިންވަނަ ލަނޑު 54 ވަނަ މިނެޓުގައި ރަފީނިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ވެސް ފެރާން ޓޯރޭސްއެވެ. ތޯމަސް ވަނީ 63 ވަނަ މިނެޓުގައި ވިކްޓޯރިއާ ޕްލެޒެންއަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ދެވަނަ ފަހަރަށް ފަރަގު ކުޑަ ކޮށްދީފައެވެ. ބާސާގެ ހަތަރުވަނަ ލަނޑު 75 ވަނަ މިނެޓުގައި ރަފީނިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޓޮރޭ ކަރާލްއެވެ.

މި ނަތީޖާތަކާއިއެކު ގްރޫޕް ސްޓޭޖްގައި ކުޅުނު 6 މެޗުން ބަޔާނަށް 18 ޕޮއިންޓް ލިބި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ލިބިފައިވާއިރު، ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދާފައި ވަނީ އިންޓަ މިލާނުންނެވެ. އެ ޓީމަށް 6 މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ގްރޫޕްގެ ތިންވަނަ ބާސާއަށް ލިބެނީ 6 މެޗުން ލިބުނު 7 ޕޮއިންޓާއި އެކުގައެވެ. ތިންވަނަ ލިބުމުން ބާސާ ދެން މި ސީޒަންގައި ވާދަކުރަން ޖެހޭނީ ޔޫރަޕާ ލީގުގައެވެ. ގްރޫޕްގެ ފުލުގައި އޮތީ ބާސާއަތުން ބަލިވު ވިކްޓޯރިއާ ޕްލެޒެންއެވެ.