ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި ރޭ ލިވަޕޫލާއި ނަޕޯލީ ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. މިއީ މި ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން ނަޕޯލީ ބައްޔަކާއި ކުރިމަތިލަން ޖެހުނު ފުރަތަމަ ފަހަރެވެ. އެ ޓީމުން ވަނީ ބަލިނުވެ ޖުމްލަ 21 މެޗު ހަމަކޮށްފައެވެ.
ރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ މިޑްފީލްޑަރ ތިއާގޯ އަލްކަންޓާރާ ފޮނުވާލި ހަމަލާ ނަޕޯލީގެ ކީޕަރު އަލެކްސް މެރެޓް މަތަކޮށްފައިވާއިރު، ފުރަތަމަ ހާފުގައި ނަޕޯލީގެ ޑިފެންޑަރ ލެއޯ އޮސްޓިގާޑް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް ގިނަ އިރުތަކެއް ވަންދެން ވީއޭއާރު މެދުވެރިކޮށް ބެލުމަށް ފަހު، އެ ލަނޑު ޖެހަން ބޯޅަ ލިބުނު އިރު އޮސްޓިގާށް އޮފްސައިޑްގައި ހުރުމުން ލަނޑު ވަނީ ކެންސަލް ކޮށްފައެވެ.
ލިވަޕޫލުން މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ މުހައްމަދު ސަލާހްއެވެ. ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދީފައި ވަނީ ޑާވިން ނުނޭޒްއެވެ.
މި މެޗަށް ނުކުތްއިރު ވެސް މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަ ވަނީ ނަޕޯލީއަށާއި ލިވަޕޫލަށް ޔަޤީންވެފައެވެ. ނަމަވެސް ލިވަޕޫލަށް ގްރޫޕްގެ އެއްވަނަ ލިބެންއޮތީ ހަތަރު ލަނޑުގެ ތަފާތަކުން ނަޕޯލީ ބަލިކޮށްގެންނެވެ.
ގްރޫޕް އެއްވަނާގައި ކުޅުނު 6 މެޗުން ލިބުނު 15 ޕޮއިންޓާއިއެކު ނަޕޯލީ އޮތްއިރު ދެވަނަ ލިވަޕޫލަށް ލިބެނީ ހަމަ މި އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ.
ގްރޫޕް އޭގައި ހިމެނޭ އަނެއް ދެ ޓީމް ކަމަށްވާ އަޔެކްސްއާއި ރޭންޖާސް ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އަޔެކްސްއެވެ. އަޔެކްސައަށް ގްރޫޕްގެ ތިންވަނަ ލިބިފައި ވަނީ 6 މެޗުން ލިބުނު 6 ޕޮއިންޓާއިއެކުގައެވެ. ތިންވަނަ ލިބުމުން އެ ޓީމް ދެން ވާދަކުރަން ޖެހޭނީ ޔޫރަޕާ ލީގުގައެވެ.
މިހާތަނަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގައި އެންމެ ދަށް ނަތީޖާ ހޯދި ޓީމްގެ ގޮތުގައި ރޭންޖާސް ގްރޫޕް ސްޓޭޖް މެޗުތައް ނިންމާލިއިރު، އެ ޓީމަށް ޕޮއިންޓެއް ލިބިފައި ނުވެއެވެ. ދެ ގޯލް ޖެހުނުއިރު 22 ގޯލު ވަނީ ބައިކޮޅަށް ވަދެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!