ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހު ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވިދާޅުވެއްޖެ އެވެ.

އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މިއީ ދެ ދުވަހުގެ މުއްދަތަަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅު ނިންމަވާލައްވާނީ މި މަހުގެ 9 ވަަނަ ދުވަހު ކަމަށެވެ.

Ad
rt

މި ދަތުރުފުޅުގައި އެ ސިޓީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ޔާމީން ވަޑައިގަންނަވާނެ ކަމަށާއި ވަކި ޕާޓީއަކަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުސަތު މި ފަހަރު އޮންނާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ ޔާމީންގެ ކުރިއަށް އޮތް ވެރިކަމެއްގައި އައްޑޫ ސިޓީގެ ތަރައްގީއަށާއި ޔާމީންގެ ފަރާތްޕުޅުން އެ ސިޓީއަށް ކޮށްދެއްވަން ބޭނުންވަނީ ކޮންކަހަލަ ކަންތައްތަކެއްތޯ ބަލާނެ ކަމަށެވެ. އަދި ޔާމީން އައްޑޫއާ ދޭތެރޭ ދެކެވަޑައިގަންނަވާ ތަސައްވަރު ހާމަކުރައްވާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

މިއީ ޔާމީނަށް ޕީޕީއެމް ގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފަހުން، އައްޑޫ ސިޓީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

2023 ގެ އިންތިހާބުގެ ކެމްޕޭނަށް ރައީސް ޔާމީން އަތޮޅުތަކަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި ދ. ކުޑަހުވަދޫ އަށާއި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ ވަޑައިގެންފަ އެވެ. އަދި ނ. ކެނދިކުޅުދޫގެ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫ އަށް ވެސް ވަނީ ވަޑައިގެންފަ އެވެ.