މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިސްމާޢީލް މެންކް އަކީ ދިވެހިން ވަރަށް ބޮޑު އިޙްތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއްކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ، މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށް ގެންދެވި ބައްދަލުވުމުގަ އެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތާއި ދީނީ ޢިލްމު ފެތުރުއްވެވުމުގައި ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވައި ތަޢުރީފުކުރެއްވިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހިން ވަރަށް އުންމީދު ކުރަމުންއައި ދަތުރުފުޅެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މުފްތީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމަޢުގައި ހުންނަ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާއިރު އެވާހަކަތައް ފަސޭހައިން ފަހުމުވާނެފަދަ ގޮތަކަށް ދަރުސް ކުރިޔަށް ގެންދަވާތީ އެކަމަށް ތަޢުރީފުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުފްތީ މެންކް ވަނީ އެމަނިކުފާނު ކުރިޔަށް ގެންދަވާ ސިލްސިލާ ދަރުސްތަކާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކާއި އަދި އެމަނިކުފާނުގެ ބައެއް ތަޖުރިބާ ހިއްސާކުރައްވާފައެވެ.

އެގޮތުން މި ޒަމާނަކީ ސޯޝަލް މީޑިޔާގެ ޒަމާންކަން ފާހަގަކުރައްވައި އެކަކު އަނެކަކެއްގެ ހުންނަތަފާތުތަކަށް އިޙްތިރާމުކޮށްގެން ކުރިޔަށްދިއުމުގެ މުހިންމުކަން މުފްތީ މެންކްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރެއްވެވި ފުރިހަމަ މެހުމާންދާރީ ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދީނީ ޢިލްމުވެރިޔާ މެންކް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް ރާއްޖޭގެ މުޖުތަމައަށް މުހިންމު މައުޟޫޢުތަކަށް ދީނީ ދަރުސްދެއްވުމުގެ ސިލްސިލާއެއް ކުރިއަށް ގެންދެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.