ޖަރުމަނު ލީގުގައި ރޭ ބޮރޫޝިއާ މުންޗެންގްލަޑްބެކްއާއި ޔޫނިއަން ބާލިން ބައްދަލުކުރި މެޗު، ޔޫނިއަން ބާލިންއިން ކާމިޔާބު ކޮށްފިއެވެ.

ޔޫނިއަން ބާލިންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިން ބޮރޫޝިއާ މުންޗެންގްލަޑްބެކް ބަލިކޮށްގެންނެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 30 ވަނަ މިނެޓުގައި ޔޫނިއަން ބާލިންއިން ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވަނީ ކެންސަލް ކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ބޮރޫޝިއާ މުންޗެންގްލަޑްބެކް އިންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި ސްޓިންޑްލް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ލަނޑުޖަހާފައި ވަނީ ނިކޯ އެލްވެދީއެވެ.

ޔޫނިއަން ބާލިންއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 79 ވަނަ މިނެޓުގައި ކެވިން ބެހްރެންސް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެއަށްފަހު މެޗުގެ 88 ވަނަ މިނެޓުގައި ޔޫނިއަން ބާލިންގެ ކްރިސްޓޮފަރ ވަނީ ލަނޑެއްޖަހާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވެސް ވަނީ ކެންސަލް ކޮށްފައެވެ.

މެޗުން ޔޫނިއަން ބާލިން މޮޅުވެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ 6 މިނެޓްގެ ވެސް ފަހު ވަގުތު އެ ޓީމަށް ލިބުނު ކޯނަރަކުން ޖެމީ ލެވެލިންގ ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ގޯލު ކުރިމައްކަށް ހުރަސްކުރި ބޯޅަ ޑަނީލޯ ޑޫކޭ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މޮޅާއިއެކު ޔޫނިއަން ބާލިންއަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބެނީ ކުޅުނު 12 މެޗުން ލިބުނު 26 ޕޮއިންޓާއިއެކުއެވެ. ދެވަނާގައި އޮތް ބަޔާން މިޔުނިކަށް 12 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ. މެޗުން ބަލިވި ބޮރޫޝިއާ މުންޗެންގްލަޑްބެކް މިވަގުތު އޮތީ ތާވަލުގެ 11 ވަނާގައެވެ. އެ ޓީމަށް 12 މެޗުން ލިބިފައި ވަނީ 16 ޕޮއިންޓެވެ.