އިޓާލިއަން ލީގުގައި ރޭ އޭސީ މިލާނާއި ޓޮރިނޯ ބައްދަލުކުރި މެޗު، ޓޮރިނޯއިން ކާމިޔާބު ކޮށްފިއެވެ.
ޓޮރިނޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޓޮރިނޯއިން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ލަޒާރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކޮފީ ޑިޑްޖީއެވެ. ދެވަނަ ލަނޑު 37 ވަނަ މިނެޓުގައި ނިކޮލާ ވްލަސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މިރާންޗުކްއެވެ.
މެޗުގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 67 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޫނިއާ މެސިއަސްއެވެ. މިއީ މި ސީޒަންގައި ލީގުގައި މިލާން ބަލިވި ދެވަނަ މެޗެވެ. މިލާން މީގެ ކުރިން ވަނީ ނަޕޯލީއަތުން ވެސް އަމިއްލަ ދަނޑުގައި ބަލިވެފައެވެ.
މި ނަތީޖާއާއިއެކު މިލާން މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ތިންވަނާގައެވެ. އެ ޓީމަށް 12 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި 12 މެޗުން 27 ޕޮއިންޓް ހޯދައިގެން އޮތީ އެތުލާންޓާއެވެ. އެއްވަނާގައި އޮތީ މި ސީޒަންގައި އަދި މިހާތަނަށް ބަލިވެފައި ނުވާ ނަޕޯލީއެވެ. ނަޕޯލީއަށް 12 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ. މެޗުން މޮޅުވި ޓޮރިނޯ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް 12 މެޗުން ލިބިފައި ވަނީ 17 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!