އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް މުފްތީ މެންކް ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

އޭނާ މިފަދައިން ނަސޭހަތްތެރިވެވަޑައިގެންނެވީ އާދިއްތަ ދުވަހުގެރޭ، އައްޑޫ ސިޓީގައި ބޭއްވި ދަރުހުގައި ތަޤްރީރުކުރައްވަމުން ނެވެ.

Ad
rt

"އުފެއްދުންތެރި މުސްލިކަމަށްވުމުގެ މައްޗަށް" މި މައުޟޫއަށް ކުރިއަށްގެންދެވި ދަރުހުގައި މުފްތީ ވިދާޅުވީ ކޮންމެ ކަމަކަށް ވެސް ވަގުތުތަކެއް ކަނޑައަޅުއްވާފައިވާއިރު، އެގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ބައްޓަން ކުރަންޖެހޭ ކަމަށެވެ.

އެގޮތުން އަޅުކަމާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ވަގުތު ހުސްކުރުމުގައި ވިސްނުންތެރިކަމާއިއެކު މަސައްކަތްކުރުމަށާއި ތިމާއަކީ ނަމާދުކުރުމުގައި ކަންނެތް މީހެއްކަމުގައިވާނަމަ، އެމީހަކު އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

މިގޮތަށް ޢަމަލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަންނަވަމުން މާތްﷲ އިންސާނާއަށް ރިވެތިވެގެންވާ ހަށިގަނޑެއް ދެއްވާފައިވާއިރު، އެއީ އެމީހަކު ބޭނުންގޮތަކަށް ބައްޓަންކުރެވޭނެ ހަށިގަނޑެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ނަމާދަށް ހޭ ނުލެވޭނަމަ، ހޭލާން މަސައްކަތްކުރަން ފެށުމުން މާތްﷲގެ ކުޅަދުންވަންތަކަމުން އިންސާނާއަށް އަމިއްލައަށް އެގޮތަކަށް ބައްޓަންވެވޭކަމަށް ވިދާޅުވި އެވެ.

މުފްތީ ވިދާޅުވީ އަބަދުވެސް ނަމާދުތައް އެ ނަމާދެއްގެ ވަގުތުގައި އަދާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭކަމަށާއި ނަމާދަކީ ދުނިޔެއާއި އާހިރަތަށްޓަކައި ކޮންމެ މުސްލިމަކު ވެސް ކުރަން މާތްﷲ ކަނޑައަޅުއްވާފައިވާކަމެއް ކަމަށެވެ. އަދި އެކަމުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާ ކަމަށެވެ.

އުފެއްދުންތެރި މުސްލިމަކީ މުސްތަޤުބަލަށް ވިސްނައި އެ މުސްތަގުބަލުގައި ކުރަންޖެހޭ ކަންކަން ހެޔޮގޮތުގައި ކުރުމަށް މަސައްކަތްކުރާ އަދި ދުނިޔެއާއި އާހިރަތަށްޓަކައި އެ މުސްތަޤްބަލް އާރާސްކުރާމީހާކަމަށް ވެސް މުފްތީ މެންކް ވިދާޅުވި އެވެ.