ޑްރަގް މައްސަލައެއްގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު ހައްޔަރުކުރަން ހައި ކޯޓުން ނެރުނު އަމުރު ގޯސް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނުވަ ކިލޯގެ ޑްރަގް މައްސަލައެއްގެ އިސް މީހާ ކަމަށް ތުހުމަތުކުރާ އަރުޝަދު ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު މިމަހު ކުރީކޮޅު ރާއްޖެ އައުމުން އޭނާ ހައްޔަރުކުރީ ނުވަ ކިލޯ ޑްރަގް މައްސަލާގައި ކުށް ސާބިތުނުވި މައްސަލާގައި ހައި ކޯޓަށް ހާޒިރުކުރަން އޭނާ ހައްޔަރު ކުރަން އެ ކޯޓުން އަމުރެއް ނެރެފައި އޮތުމުންނެވެ.

Ad
rt

އަރުޝަދު ހައްޔަރު ކުރިޔަސް، އޭނާ ކޯޓަށް ހާޒިރު ކުރުމެއް ނެތި ފުލުހުން އަމިއްލައަށް އޭނާ ދޫކޮށްލި އެވެ. އެހެންވެ، ހައި ކޯޓުން ނިންމީ ދައުލަތުން އެދުނަސް އޭނާ އިތުރަށް ބަންދު ނުކުރުމަށެވެ.

އަރުޝަދު ހައްޔަރުކުރަން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހައި ކޯޓުގެ އަމުރުގައި އޭނާ ހައްޔަރު ކުރަންޖެހޭ ވަގުތެއް އަދި ކޯޓަށް ހާޒިރު ކުރަންޖެހޭ ވަގުތެއް ބަޔާން ކުރުމެއް ނެތި އަމުރު ނެރެފައިވާތީ އެއީ އަމުރު ބާތިލް ކުރަންޖެހޭ ސަބަބެއް ކަމަށެވެ.

އަރުޝަދު އަލުން ބަންދުކުރަން ދައުލަތުން ވެސް ސުޕްރީމް ކޯޓުގައި އެދުނެވެ. އެކަމަކު ސުޕްރީމް ކޯޓުން ނިންމީ އަރުޝަދު އަލުން ބަންދު ނުކުރަން ހައި ކޯޓުން ނިންމި ނިންމުމުގައި ގޯހެއް އޮތްކަން ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ.

މިދިޔަ ހަފުތާގައި ވެސް އަރުޝަދު ހައްޔަރުކުރި އެވެ. އެކަމަކު ކޯޓަށް ހާޒިރު ކުރުމެއް ނެތި ފުލުހުން ނިންމީ އޭނާ އަނެއްކާވެސް ދޫކޮށްލުމަށެވެ.