މީހުންގެ މައްޗަށް އަނިޔާވެރިވާ މީހުންނާއި އިހާނެތިކޮށް ހިތުމަކީ ތިމާގެ އަމިއްލަ ނަމުގައި ދެދުނިޔޭގައިވެސް ނަގާ ދަރަންޏެއް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރޫގެ ދައުވަތަކަށް މިހާރުރާއްޖެއަށް އުޅުއްވާ ދީނީ އިލްމުވެރިޔާ މިހެން ވިދާޅުވީ ފުވައްމުލައް ސިޓީ ގައި ދެއްވި ދަރުހުގަ އެވެ.
"އިސްލާމްކަން، އޯގާތެރިކަމާއި ހިތްހެޔޮކަމުގެ މައްޗަށް" ދެއްވި ދަރުހުގައި މުފްތީ ވަނީ އަނެކުންނަށް އޯގާތެރިކޮށް ހިތުމަށް އިސްލާމްދީން ބާރު އަޅުއްވާމިންވަރުން މިސާލުޖައްސަވާފަ އެވެ. އަދި ނަރަކަވެރިއަކު ސުވަރުގެ ވެއްދެވީ ކުށްތާއަކަށް ފެންދީގެންކަން ފާހަގަކުރެއްވި އެވެ.
ނިކަމެތިންނަށް އެހީވުމަށްފަހު އެމީހުންގެ ނިކަމެތިކަމަށް މަލާމާތް ނުކުރުމަށް އޭނާ އިލްތިމާސް ކުރައްވާ، އަނެކުންނަށް އޯގާތެރިވުމަކީ މާތް ﷲގެ ރަޙްމަތް ތަނަވަސްވާކަމެއްކަން ވެސް މުފްތީ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އަނެކުންނަށް ދެރައާއި އިހާނެތިކޮށް ހިތުމަށްފަހު މާތް ﷲ އެކަން ދޫކޮށްލާނެކަމަށް، އެއްވެސް މީހަކު ހީކޮށްގެން ނުވާނެކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މުފްތީ ވިދާޅުވީ ދުނިޔެ މަތީގައި ނިކަމެތި ކޮށްލާ މީހާ މައާފްނުކޮށްފިނަމަ ދުނިޔެއާއި އާޚިރަތުގައި ވެސް މާތް ﷲ ބަދަލު ހިއްޕަވާނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާލޭ ސިޓީ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ އެވެ.
އައްޑޫ ސިޓީގައި މި މަހުގެ 30 ވަނަ ދުވަހުގެ ރޭ (މިރޭ) ދަރުސް އޮންނާނީ އައްޑޫ ހައި ސްކޫލްގައި ކަމަށެވެ. މައުޟޫއަކީ "ޕްރޮޑަކްޓިވް މުސްލިމް" ނުވަތަ ހަރުދަނާ މުސްލިމެވެ.
ހުޅުމާލޭގައި ދަރުސް ދެއްވާނީ މި މަހުގެ 31 ވަނަ ދުވަހު ރެއެވެ. މި ދަރުސް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!