މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ އެމްއާރްއެމް އިން ވިދާޅުވީ ނަސްރުގެ ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ޖަލްސާ ބާއްވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެރޭ 20:45 ގައި ޝީ ބިލްޑީންގެ ހޯލުގައި ކަމަށެވެ.
ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު، ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންނާއި އެކު ރާއްޖެ އަރައި ދިން ޢުދުވާނީ ހަމަލާއިން ދިވެހިންނަށް ލިބުނު ނަސްރު ފާހަގަކުރުމުގެ ގޮތުން ފާހަގަކުރަމުން އަންނަދުވަހެކެވެ.
އެގޮތުން މި ދުވަސް ފާހަގަކުރަމުން އަންނަތާ 34 އަހަރު ފުރޭއިރު، މިސަރުކާރުން ނަސްރުގެ ދުވަސް އެހާ ކުލަގަދަކޮށް ފާހަގަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް ނަސްރުގެ ދުވަހަކީ ރާއްޖޭގައި މީގެކުރިން އެންމެ ކުލަގަދަކޮށް ފާހަގަކުރާ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ.
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހިނގައިދިޔަ އެ ހާދިސާއަށްފަހު، ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ "ނަސްރުގެ ދުވަހުގެ" ގޮތުގައި ފާހަގަކުރުމަށް ނިންމެވީ ވެސް ރައީސް މައުމޫނެވެ.
ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާއި ގުޅިގެން މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައި ވަނީ 1988 ވަނައަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު އެވެ.
ދިވެހިން ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، ދިވެހިރައްޔިތުންގެ މިނިވަންކަމާ ދެކޮޅަށް ބަޔަކު ދިން ނުރައްކާތެރި ބިރުވެރި މިޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުންނަށް ނަޞްރު ލިބުން ފާހަގަކުރުމަށްޓަކަ އެވެ.
ނަސްރުގެދުވަހުގެ ގޮތުގައި 3 ނޮވެމްބަރު ފާހަގަކުރަންފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!