ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް، ޒިކުރުކުރުމަށް، ދީނީ އިލްމުވެރިޔާ މުފްތީ މެންކް ނަސޭހަތްތެރިވެ ވަޑައިގެންފި އެވެ.

އޭނާ މިފަދައިން ނަސޭހަތްތެރިވެ ވަޑައިގެންނެވީ މާލޭގެ އަލިމަސް ކާނިވާ ސަރަހައްދުގައި ރޭ ދެއްވި ދަރުހުގަ އެވެ.

Ad
rt

މި ދަރުހުގައި މުފްތީ ވަނީ ހިތާމަތަކުން އަރައިގަތުމަށް ކިޔޭނެ ގުރްއާނުގެ އާޔަތްތަކާއި އޭގެ މާނަ އޮޅުންފިލުވައިދެއްވައި، ހެޔޮ ކަންކަމުން ވާގި ހޯދުމަށާއި ކާމިޔާބަކީ ﷲގެ މަގުގައި ސާބިތުވެ، އެކަމަށް ގަދައަޅައި މަސައްކަތްކުރާ މީހާގެ ހައްގެއްކަން ހަނދުމަކޮށްދެއްވާފަ އެވެ.

"ﷲ (ސ.ވ) އަކީ ހުރިހާ އެންމެންގެ ބެލެހެއްޓުންތެރިޔާ. މަޔަކު ދަރިއަކަށް ބަލާ މިންވަރަށް ވުރެ މާ، މާތް އަދި މާ ބޮޑު ގޮތެއްގައި ހުރިހާ އިންސާނުންގެ ކަންކަން އެކަލާންގެ ބައްލަވާ. ތިމާ ކިތަންމެ ބޭނުންވާ އެއްޗެއް ނުވަތަ ކަމެއް ތިމާއަށް ނުލިބުމުގައި ހެވެއް ވާނެކަން ގަބޫލުކުރަންޖެހޭނެ." މުފްތީ ވިދާޅުވި އެވެ.

“ޑިޕްރެޝަން, އެންޒައިޓީ އެންޑް ސްޓްރެސް” މި މައުޟޫއަށް ކުރިއަށް ގެންދެވި ދަރުހުގައި އޭނާ އިތުރަށް ވިދާޅުވީ ޑިޕްރެޝަން ފަދަ ކަންކަމަކީ ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ ކަންކަން ކަމަށެވެ. އެހެންނަމަވެސް ތިމާ ދުނިޔޭގައި އުޅެން ބޭނުން ނުވާ މިންވަރަށް އެކަމާއި ކުރިމަތިލާންޖެހުމަކީ ތިމާގެ އުޅުމަށް ބަދަލު ގެންނަން ޖެހޭ ކަންކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ކޮންމެ ދުވަހަކު ވެސް ފަރުޟު ފަސް ނަމާދު އަދާކުރުމަށް ނަސޭހަތްތެރިވެލައްވައި، މުފްތީ ވަނީ މިކަމުގައި ފަތިސް ނަމާދު ވެސް، އެހެން ނަމާދެއް ވެސް އިސްތިސްނާނުވާކަން ފާހަގަކުރައްވާފަ އެވެ. އަދި ކަންނެތްކަމާއި ދެކޮޅަށް ގަދައަޅައި މަސައްކަތްކޮށް ފަތިސް ނަމާދަށް ވެސް ހޭލުމަށް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

ހަމަމިއާއެކު ފަތިސް ނަމާދުން މުސްލިމުންގެ ދުވަސް ފަށަނީ ކީއްވެގެންކަމާއި އެކަމުގައިވާ ފައިދާތަކަށް ވެސް ވަރަށް ތަފްސީލުކޮށް ވަނީ ބައްލަވައިލައްވާފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާލޭ ސިޓީ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ އެވެ.

29 ވަނަ ދުވަހު ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "އިސްލާމްކަމާއި އޯގާތެރިކަން" މި މައުޟޫ އަށެވެ. މި ދަރުސް އޮންނާނީ ފުވައްމުލަކު ސިޓީގެ ސްޓޭޑިއަމްގަ އެވެ. އައްޑޫ ސިޓީގައި މި މަހުގެ 30 ވަނަ ދުވަހު ދެއްވާ ދަރުސް އޮންނާނީ އެ ސިޓީގެ ސިޓީ ސްކުއަރ ގަ އެވެ. މައުޟޫއަކީ "ޕްރޮޑަކްޓިވް މުސްލިމް" ނުވަތަ ހަރުދަނާ މުސްލިމެވެ.

ހުޅުމާލޭގައި ދަރުސް ދެއްވާނީ މި މަހުގެ 31 ވަނަ ދުވަހު ރެއެވެ. މި ދަރުސް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ.