މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ވިދާޅުވެއްޖެ އެވެ
އެ އިދާރާ އިން ކޮންމެދުވަހަކު ވެސް ނެރޭ "މޫސުމީ ބްލެޓިންގ" ގައި މިއަދު، ދެކުނާއި މެދުރާއްޖެއަށް މޫސުން ގޯސް ވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އުތުރުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި، މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ވަނީ ލަފާކުރައްވާފަ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 13 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރައްވާފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކުރައްވާފަ އެވެ.
މިއަދުގެ އިރުއޮއްސުމާއިހަމައަށް ނެރެފައިވާ މޫސުމީ ބުލެޓިންގ ގައި އިތުރަށް ވިދާޅުވެފައިވަނީ ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށާއި މެދުރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ.
ހަމަމިއާއެކު ދެކުނާއި މެދުރާއްޖޭގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައި ކަމަށާއި އުތުރުގައި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައި ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެފައި ވެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެފައި ވެއެވެ.
ހުރިހާ ފަރާތްތަކުން، ހާއްސަ ގޮތެއްގައި ދެކުނާއި މެދުރާއްޖޭގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރައްވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!