މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މުފްތީ މެންކަށް ރާއްޖެއިން މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަަލީއާއި މިނިސްޓްރީގެ އިސްވެރިންނެވެ.
މުފްތީ މެންކް މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު، މާދަމާ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނީ މުފްތީ މެންކް އެވެ. މާދަމާ އިނގިރޭސި ބަހުން މުފްތީ ދެއްވާ ހުތުބާގެ މައުޟޫއަކީ ''ތިބާއާއި މާތްﷲއާ ދެމެދުގެ ގުޅުންތައް ދިރުވުން'' އެވެ.
މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާލޭ ސިޓީ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ އެވެ.
މުފްތީގެ މި ދަތުރުފުޅުގައި ދެއްވާ ފުރަތަމަ ދަރުސް އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ މާލޭ ސިޓީ ކާނިވާ ސަރަހައްދުގައެވެ. މި ދަރުސްގެ މައުޟޫއަކީ "ސްޓްރެސް، ޑިޕްރެޝަން އަދި އެންޒައިޓީ" އެވެ.
29 ވަނަ ދުވަހު ފުވައްމުލަކުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާއިރު، މި ދަރުސް ދެއްވާނީ ފުވައްމުލަކު ސިޓީގެ ސްޓޭޑިއަމްގަ އެވެ. ފުވައްމުލަކުގައި ދެއްވާ ދަރުހުގެ މައުލޫއަކީ އިސްލާމްކަމާއި އޯގާތެރިކަމެވެ.
އައްޑޫ ސިޓިގައި މި މަހުގެ 30 ވަނަ ދުވަހު ދެއްވާ ދަރުސް އޮންނާނީ އައްޑޫ ސިޓީގެ ސިޓީ ސްކުއަރ ގަ އެވެ. އައްޑޫ ސިޓީގައި ދެއްވާ ދަރުހުގެ މައުލޫއަކީ "ޕްރޮޑަކްޓިވް މުސްލިމް" ނުވަތަ ހަރުދަނާ މުސްލިމެވެ.
ހުޅުމާލޭގައި ދަރުސް ދެއްވާނީ މި މަހުގެ 31 ވަނަ ދުވަހު ރެއެވެ. މި ދަރުސް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!