އަންނަމަހު 6 ވަނަ ދުވަހުން ފެށިގެން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ލެޕަރޮސްކޯޕިކް ސާރޖަރީތައް (އޮޕަރޭޝަން) ފަށަން ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެހޮސްޕިޓަލުން ބުނީ، ލެޕަރޮސްކޯޕިކް ސާރޖަރީ ތައް ފެށުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

Ad
rt

މިއީ، މިޚިދުމަތް ގްރޭޓާރ މާލެ ސަރަހައްދުން ބޭރުގައި ފެށޭ ފުރަތަމަ ފަަރުކަން ފާހަގަކުރެއްވި އެވެ.

މި ޚިދުމަތަކީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އާއި ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލް ކަމުގައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން ދެވޭ ޚިދުމަތެކެވެ.

"އެކަމަށް ބޭނުންވާ މެޝިނަރީސް މިހާރުވަނީ ކުޅުދުއްފުށި ސިޓީއަށް ގެނެވި މިހާރު ކުރިޔަށްދަނީ އިންސްޓޮލޭޝަންގެ މަސައްކަތް"

ކޭއާރުއެޗްއިން ފާހަގަ ކުރެއްވި އެވެ.

ޕްލާސްޓިކް ސާރޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުޙައްމަދު ވަޙީދު އަދި ލެޕަރޮސްކޯޕިކް ސާރޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ޖެނެރަލް ސާރޖަން، ޑރ. އަބްދުﷲ ލީޑް ނަންގަވައިގެން މި ސާރޖަރީތައް ކުރިޔަށް ގެންދެއްވުމުގައި ނޮވެމްބަރ މަހުގެ 6 ން 9 ށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާނެއެވެ.

ލެޕަރޮސްކޯޕިކް ސާރޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާގެ ޒަރީއާއިން ބަލައިގެން، ކުދި އޮޕަރޭޝަން ޓޫލްސް ބޭނުންކޮށްގެން ކުރެވޭ ހަށިގަނޑަށް ލުއި އޮޕަރޭޝަންތަކެކެވެ. ކީހޯލް ސާރޖަރީގެ ނަމުންވެސް ނަންދެވިފައިވާ މި އޮޕަރޭޝަންތަކަށްފަހު ބަލިމީހާ ހޮސްޕިޓަލްގައި މަޑުކުރަންޖެހޭ މިންވަރު އަދި ފާރުތައް ފަސޭހަވުމަށް ނަގާ މުއްދަތު، އާންމު އޮޕަރޭޝަންތަކާއި ބަލާއިރު ބޮޑުތަނުން ކުޑަކަން ފާހަގަކުރެވެއެވެ. މިގޮތުން މިފަދަ އޮޕަރޭޝަންތަކަށްފަހު ދުވަހުން ދުވަހަށްވެސް ބަލިމީހާ ހޮސްޕިޓަލުން ޑިސްޗާރޖްކުރުވެއެވެ.

ލެޕަރޮސްކޯޕިކް ސާރޖަރީތައް އާންމު ގޮތެއްގައި ހެދެނީ އަންހެނުން ދަރިމައިވުމުގެ ނިޒާމު، ގޭސް އަދި ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުށެވެ. މި ސާރޖަރީތަކަކީ ވީހާވެސް ކުޑަކޮށް ހަށިގަނޑު ކަފައިގެން ހަދާ ސާރޖަރީތަކެއް ކަމުން، ބަލިމީހާ ހޮސްޕިޓަލްގެއި ހޭދަކުރާ ވަގުތު މަދުވެ، ތަހައްމަލް ކުރަން ޖެހޭ ވޭން ކުޑަވެ އަދި ހަށިގަނޑު ކެފުމުގެ ސަބަބުން ލާ ލަކުނު މަދު/ކުޑަ ވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރީޖަނަލް ހޮސްޕިޓަލްތައް ބާރުވެރިކޮށް، ސިއްހީ ނިޒާމު ފައްކާކޮށް، ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު ވަޢުދަކަށްވާއިރު، ލެޕަރޮސްކޯޕިން ސާރޖަރީތައް ފެށިގެން ދިއުމަކީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށާއި ރާއްޖޭގެ މައި ހޮސްޕިޓަލަށްކުރާ ބާރު ކުޑަވެ، ރައްޔިތުންގެ ތަކުލީފު ކުޑަވެ، މިފަދަ ހިދުމަތްތައް ހޯދުމަށް އާންމު ރައްޔިތުންކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ފާއިތުވި ހަތަރު އަހަރެއްހާ ދުވުހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ބޮޑެތި ކުރިއެންތަކެއް ހޯދާފައިވެއެވެ.

މިގޮތުން ޑަކްޓަރުންނާއި ނަރުހުންގެ އަދަދު ބޮޑުތަނުން އިތުރުކުރެވި، އެމް.އާރު.އައި އަދި ތެރަޕިއުޓިކް ފަދަ ރައްޔިތުން ނުހަނު ބޭނުންވެފައިވާ ހިދުމަތްތައް ފެށި، ސިއްހީ ހިދުމަތް ހޯދުމަށް މާލެ ދާންޖެހޭ ޖެހުން ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.