ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ބިރުދައްކަމުންދާ ކަމަށް ބުނެ ދައްކަނީ ދޮގުވާހަކައެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ސައީދުއާ ހަވާލާދީ ފެނަކައިން ވަޔާނެއް ނެރުނީ ވަޓްސްއެޕް ގްރޫޕެއް ހަދައިގެން އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ބިރުދައްކަމުންދާކަމަށް، ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާތީއެވެ. އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ މިއީ އެއްވެސް ޙާލަތެއްގައި އެއްވެސް މިންވަރެއްގެ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.
ތުހުމަތުކޮށްފައިވާ ވަޓްސްއެޕް ގްރޫޕްއަކީ ވުޖޫދުގައިވެސް ނުވާ ގްރޫޕެއް ކަމަށްވާއިރު، ސައީދުގެ ފަރާތުން، އެފަދަ ވަޓްސްއެޕް ގްރޫޕް ނުވަތަ އެ ނޫން އެފަދަ އެހެން ޕްލެޓް ފޯމެއްގައިވެސް، އެއްވެސް މަޖިލިސް މެމްބަރަކަށް ނުވަތަ އެނޫން ފަރާތަކަށް ވިޔަސް، އެއްވެސް ސިފައެއްގައި ނުފޫޒު ފޯރުވައި ބިރުދައްކައި ހެދުމުގެ ގޮތުން މިހާތަނަށް މުޢާމަލާތެއް ކޮށްފައި ނުވާނެކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ކުންފުނިން ވަޒީފާ ދިނުމުގައްޔާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެއްވެސް ސިޔާސީ ނުވަތަ ޒާތީ ނުފޫޒެއް ނުހިމެނޭނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ކުންފުނީގެ އެންމެހައި މަސައްކަތްތައް ރޭވި ބައްޓަންކުރެވިފައިވަނީ، ހާމަކަން ބޮޑު ދެފުށް ފެންނަ ގޮތަކަށް ކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ އެފަދަ ހަގީގަތެއް ނެތް ވާހަކައެއް ފެތުރުމުގެ ހަމައެކަނި މަގުސަދަކީ، ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ އަބުރު ނަގާލުމާއި، އާންމުންގެ މެދުގައި ކުންފުންޏާއި ދޭތެރޭ އޮންނަ އިތުބާރާއި ކުންފުންޏާއި ދޭތެރޭ ރައްޔިތުން ދެކޭ ތަސައްވަރު ކިލަނބު ކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.
ސައީދުއަކީ އެ ކުންފުންޏާއި މެދު ރައްޔިތުންގެ އިތުބާރު ހޯދައި ދެއްވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިޚްލާސްތެރި މަސައްކަތް ކޮށްދެއްވަމުންދާ ފަރާތެއް ކަމަށް ވީހިނދު، އެފަދަ ފަރާތަކާއި މެދު މިފަދަ ހަގީގަތެއް އަދި އަސާސެއް ނެތް ވާހަކަތައް ފަތުރަމުން ގެންދިޔުމީ ކުންފުންޏާއި މުވައްޒަފުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށް ވެސް ބަޔާނުގައިވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!