ހދ. ހަނިމާދޫ އަކީ ދިވެހި ސަރުކާރުގެ ބާރު ހިނގާ ތަނެއް ނޫންކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ހަނިމާދޫން އެރަށުގެ ރައްޔިތުން ބާލާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓްގައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ޔާމީން މިހެން ވިދާޅުވީ ނ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ޔާމީން ވިދާޅުވީ ހަނިމާދޫއަކީ، ދިވެހި ސަރުކާރުގެ ބާރު ހިނގާ ތަނެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި އެރަށް ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރަށް ވެސް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރެވިއްޖެނަމަ، އެންމެ ފުރަތަމަ ކުރާނެ ކަމަކީ ބައެއް ރަށްރަށުން މީހުން ބޭލުން ކަމަށާއި ހަނިމާދޫން ވެސް މީހުން ބާލާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ ފޮރުވިފައިވާ މަގުސަދެއްގައި ކަމަށާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރަން ނިންމާފައިވަނީ ތިން ކިލޯމީޓަރަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތައް ޖެއްސުމަށް ކަމަށާއި އެ އެއާޕޯޓަށް ކޮމާޝަލް ފުލައިޓުތައް ޖެއްސޭނީ އިންޑިއާގެ އަސްކަރީ މަތިންދާބޯޓުތަކަށް ޖާގަ ދިނުމަށްފަހު ބާކިވާ ތަންކޮޅުގައި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު މިފަހަރު ހއ. އަށް ކުރި ދަތުރުގަ ފުރަތަމަ ހދ. ހަނިމާދޫގަ ޖައްސާފަ މިދިޔައީ. އެމީހުންވެސް ގަބޫލުކުރޭ، ހިތާހިތާ އެމީހުން ގަބޫލުކުރޭ މި ސަރުކާރު އޮވެގެން އަދި އަންނައަހަރު މި ސަރުކާރަށް ފުރުސަތު ލިބިއްޖެކަމަށްވަންޏާ ހަނިމާދޫގަ އެމީހުންނަށް ދިރިނޫޅެވޭނެކަން. އެމީހުން އެރަށުން ފައިބަން ޖެހޭނެކަން. އެވަރުގެ އެއަރޕޯޓެއް އެތަނުގަ ހަދަމުން އެދަނީ. 3000 މީޓަރުގެ އެއަރޕޯޓެއް އެތަނުގަ ހަދަމުން އެދަނީ." ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މާފަރުގެ އެއަރޕޯޓަކީ ވެސް 1800 މީޓަރުގެ ތަނެއް ކަމަށާއި އެހެންކަމުން 3000 މީޓަރުގެ އެއަރޕޯޓެއް ބޭނުން ނޫން ކަމަށެވެ.
މިދިޔަ ހަފުތާގައި ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވެސް ރައީސް ޔާމީން ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އިތުރު ދައުރަކަށް އިންތިޚާބުވެއްޖެނަމަ، ހަނިމާދޫ މީހުން އެ ރަށުން ބާލާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ވެރިކަން ދަމަހައްޓައިފި ނަމަ ހަނިމާދޫން މީހުން ބާލާނެ: ޔާމީން
ރައީސް ޔާމީން ނ. އަތޮޅުގެ ކެނދިކުޅުދޫގެ، މަނަދޫ، ހޮޅުދޫ، ވެލިދޫ، މިލަދޫ އަދި މަގޫދޫއަށް ކުރައްވާ މި ދަތުރުފުޅު ފެއްޓެވީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
އެމަނިކުފާނު ވަނީ މިދިޔަ ހަފްތާގައި ހއ. އަތޮޅުގެ އިހަވަންދޫ، ދިއްދޫ، ކެލާ، ބާރަށް އަދި ވަށަފަރަށް ވަޑައިގެންފަ އެވެ. އަދި އޭގެ ކުރީ ހަފްތާގައި ދ. ކުޑަހުވަދޫއަށް ވެސް ވަނީ ވަޑައިގެންފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނ. އަތޮޅު ދަތުރުފުޅަށްފަހު ދެން އެންމެ އަވަހަށް އެމަނިކުފާނު ވަޑައިގަންނަވާނީ އައްޑޫ ސިޓީ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!