2022 ވޯލްޑް ކަޕްގައި ގްރޫޕް ސީ ގައި ހިމެނޭ، އާޖެންޓީނާ އަކީ، ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު އެއް ގައުމެވެ. އާޖެންޓީނާ ވަނީ 1978 އަދި 1986 ގެ ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ. އަދި 1990 ވަނަ އަހަރާއި 2014 ގެ ވޯލްޑް ކަޕްގެ ފައިނަލްގައި އެގަުމުން ވާދަކުރި އެވެ.
އާޖެންޓީނާ އަކީ އަބަދުވެސް މޮޅެތި ކުޅުންތެރިންތަކެއް އުފެދެމުން އަންނަ ގައުމެކެވެ. މިހާރު އޮތް ޓީމަށް ބަލާއިރު ވެސް، ފެންނަނީ ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގައި ކުޅޭ ހުނަރުވެރި ތަރިންނެވެ. ނަމަވެސް އާޖެންޓީނާއަށް 1986 ގެ ފަހުން ވޯލްޑް ކަޕްގެ ތަށި އުފުލާލެވޭ ގޮތެއް ނުވެ އެވެ. މި އަހަރުގެ ވޯލްޑް ކަޕްގައި ވެސް އާޖެންޓީނާ އަކީ ފޭވަރިޓެކެވެ.

ކޮލިފައިވީ ގޮތް

Ad
rt

އާޖެންޓީނާ މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ކޮލިފައިންގެ ގުރޫޕެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި އާޖެންޓިނާ ކުޅުނު 17 މެޗުގެ ތެރެއިން 11 މެޗުން މޮޅުވިއިރު، ހަ މެޗުން ވަނީ އެއްވަރުވެފައެވެ. މެޗަކުން ބަލިވެފައެއް ނުވެއެވެ. އާޖެންޓީނާ 39 ޕޮއިންޓާ އެކު ގުރޫޕްގެ ދެވަނަ ހޯދިއިރު، ބްރެޒިލް ތާވަލްގެ ދެވަނައިގައި ނިންމާލީ 45 ޕޮއިންޓާ އެކު އެވެ.

ކޯޗު

އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކޮލާނީ އަކީ ކާމިޔާބު ކޯޗެއްގެ ގޮތުގައި ބެލެވިފައިވާ ކޯޗެކެވެ. ޑިޕޯޓިވޯ ލަކަރޫނިއާ އަދި ވެސްޓް ހަމް ފަދަ ކުޅަބުތަކަށް ކުރިން ކުޅެފައިވާ ސްކޮލާނީ ކޯޗިން ދާއިރާއަށް އަލަށް ނުކުތީ ވެސް އާޖެންޓީނާގެ ގައުމީޓީމުގެ ކޯޗުކަމަށް 2018 ވަނަ އަހަރުގައެވެ. އޭނާ ވަނީ 2021 ވަނަ އަހަރު ބޭއްވުނު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަމާއި މިއަ އަހަރު ކުޅުނު ކެމިބޯލް – ޔޫއެފާ ކަޕް އޮފް ޗެމްޕިއަންސް އާޖެންޓީނާއަށް ހޯދައިދީފައެވެ. މި ކާމިޔާބީތަކާއި އެކު މިފަހަރުގެ ވޯލްޑް ކަޕާއި ސްކޮލާނީ ކުރިމަތިލަނީ ރަނގަޅު ނަތީޖާތަކެއް ނެރުމުގެ ބޮޑު އުންމީދަކާއި އެކުގައެވެ.

މުހިންމު ކުޅުންތެރިން

ލިއޮނެލް މެސީ

މެސީ އަކީ އާޖެންޓީނާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަން ގިނަ ބަޔަކު ގަބޫލުކުރާނެ އެވެ. އަދި ދުނިޔޭގައިވެސް މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިއާއެވެ. މެސީ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތް ފަހަރު ހޯދާފައިއެވެ. ކްލަބު ފެންވަރުގައި މެސީ އަށް ނުލިބޭ ކާމިޔާބީއެއް ނެތެވެ. ގައުމީ ފެންވަރުގައި ވެސް ދުނިޔޭގެ ތަށި ނުލިބުނަސް ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް މެސީ ވަނީ އާޖެންޓީނާއާއި އެކު ކާމިޔާބު ކޮށްފައެވެ. އެއީ 2021 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތައްޓެވެ. މެސީ އަށް މިހާރު މަދުވަނީ ހަމަ އެކަނި ވޯލްޑް ކަޕް ތައްޓެވެ. މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ މެސީގެ އެންމެ ފަހުގެ މުބާރާތް ކަމަށް އޭނާ އިއުލާން ކޮށްފައިވާއިރު، މި ފަހަރު މުބާރާތުގެ ތަށި އުފުލާލުމަކީ މެސީގެ އެންމެ ބޮޑު އުންމީދަށް ވާނެއެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިކޮށްދިނުމުގައި މެސީގެ ދައުރު ބޮޑެވެ.

ލަޓާރޯ މާޓިނޭސް

އިންޓަ މިލާނުގެ ތަރި ލަޓާރޯ މާޓިނޭސް އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ޓީމުން ވިދާލާނެ ކުޅޫންތެރިއެކެވެ. މި ވަގުތު ޔޫރަޕްގައި އެންމެ ފޯމުގައި ހުރި އެއް ފޯވަޑަކީ މާޓިނޭސް އެވެ. މިއީ އުމުރުން 25 އަހަރުގެ މާޓިނޭސްގެ ފުރަތަމަ ވޯލްޑް ކަޕެވެ. މީގެ ކުރިން އޭނާ ކުޅުނީ 2019 އަދި 2021 ވަނަ އަހަރު ކޮޕާ އެމެރިކާ މުބާރާތެވެ. އާޖެންޓީނާގެ ވަރުގަދަ ފޯވަޑް ލައިންގައި ތިބި ކުޅުންތެރިންގެ ތެރެއިން އިދިކޮޅު ޓީމުތަކުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ކުޅުންތެރިޔަކީ މާޓިނޭސް އެވެ. މާޓިނޭސް އާޖެންޓީނާގެ ގައުމީޓީމަށް ކުޅެން ފެށީ 2018 ވަނަ އަހަރުގައެވެ. އޭގެ ފަހުން އާޖެންޓީނާއަށް ކުޅެދިން 40 މެޗުގައި 21 ގޯލު ޖަހައިދީފައިވެއެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މި އަހަރުގެ ވޯލްޑް ކަޕުގައި އާޖެންތީނާ ލައްވާލީ ގުރޫޕް ސީގައެވެ. މި ގުރޫޕްގައި އެ ޓީމަކީ ފޭވަރިޓެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ސައުދީއ އަރަބިއާ، މެކްސިކޯ އަދި ޕޯލަންޑްއެވެ. މި ގުރޫޕުގައި އޮތް ޓީމުތަކަށް ބަލާއިރު، އާޖެންޓީނާއަށް ދެވަނަ ބުރަށް ދިއުމަކީ މާ އުނދަގޫ ކަމަކަށް ވާނެ ކަމަށް ނުބެލެވެއެވެ.