ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ނިޔާވެއްޖެ އެވެ.
ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު މެޔަށް ތަދެއް އަރައި، ފިޓު ޖެހުން ފަދަ އަލާމާތްތަކެއް ފެނުމުން ގދ. މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.
''ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ ނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު މައުލޫމާތު ދެއްވާފައިވޭ'' ފުލުހުން ވިދާޅުވިއެވެ.
ނިޔާވެފައި ވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
''ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި، އަދި އެ ލޯންޗުގައި އާންމުން ތިބިކަން ވެސް ފާހަގަކޮށްލަން'' ފުލުހުންގެ ތަރުޖަމާނުގެ މަސެޖުގައި ވިދާޅުވެފަ ވެއެވެ.
އެމީހާ ނިޔާވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ވެސް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.
ފުލުހުން މިހާރު ވަނީ، އެ ހާދިސާއާ ބެހޭ މައުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށް، ތަހުގީގު ކުރުމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!