ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ގެ ޤުރުއަތުލުން ބާއްވައިފިއެވެ.
މި މުބާރާތުގައި އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނޭއިރު، މި ދެބައިގެ ޤުރުއަތުލުން ވެސް ބާއްވާފައެވެ. މި ދެ ކެޓަގަރީގެ ކުޅުން ވެސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ.
މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައި ވާއިރު ގްރޫޕް އޭގައި ހިމެނެނީ ލަޔަން، އައްޓޯ އެފްސީ، އަތިރިކޮޅު ލެޖެންޑްސްގެ އިތުރުން ލާޒިއޯއެވެ. ގްރޫޕް ބީގައި ހިމެނެނީ ލެންޓާން އެފްސީ، އެސްޕޯޓެސް ޖުވެނިސް، ޒީރު ސްޕޯޓްސް ކުލަބުގެ އިތުރުން ބީޗް ސިޓީ ސްޕޯޓްސް ކުލަބެވެ.

އަންހެން ކެޓަގަރީގައި ޖުމްލަ ހަތަރު ޓީމެއް ބައިވެރިވެފައި ވާއިރު، އެ ޓީމްތަކަކީ ކުލްބަ ސަމާ ވިމެންސް، ބީޗް ސިޓީ ވިމެންސް، ޓާފް ކުއީންސްގެ އިތުރުން ޒީރު ސްޓާރސްއެވެ.

މި މުބާރާތުގެ ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރ 3 ވަނަ ދުވަހުގެ ރޭ 20:30 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައެވެ.

ފުރަތަމަ އަންހެން ކެޓަގަރީގެ މެޗެއް ކުޅުމަށް ތާވަލު ކޮށްފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ ކްލަބް ސަމާ ވިމެންސްއާއި ޒީރު ސްޓާރސްއެވެ. އެ ރޭ 21:30 ގައި ފިރިހެން ކެޓަގަރީގެ ފުރަތަމަ މެޗު ކުޅުމަށް ތާވަލު ކޮށްފައިވާއިރު، އެ މެޗުގައި ބައްދަލުކުރާނީ ޒީރު ސްޕޯޓްސް ކުލަބާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!