ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިހެން އެދިވަޑައިގެންނެވީ ޔޫރަޕިއަން ޔޫނިއަންގެ ވަފްދާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.

Ad
rt

މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ރަށްށުގައި ކުނިނައްތާލުމުގެ ނިޒާމު ގާއިމްކުރުމަށް އެހީ ހޯދުމަށާއި ތަރައްގީގެ އެކިދާއިރާތަކަށް ފައިނޭސް ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި މިސަރުކާރު ވެރިކަމަށް އައިސް ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސަރުކާރުގެ ނުފޫޒު އޮތްކަމާއި މިނިވަން ޖުޑިޝަރީއެއް ނެތުމުގެ ކަންބޮޑުވުން ވެސް އެމަނިކުފާނު ވަނީ ފާޅުކުރައްވާފަ އެވެ. އަދި މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޮޑެތި މައްސަލަތަކާގުޅޭގޮތުން އިދިކޮޅަށް މަޖިލީހުގައި ވަކާލާތުކުރުމަށް ހުރި ގޮންޖެހުންތައް އީޔޫގެ ވަފްދަށް ވަނީ ސާފުކޮށްދެއްވާފަ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވަފްދުން ވަނީ ރާއްޖޭގެ ދަރަނީގެ ނިސްބަތް މިހާރު އޮތް ހިސާބުން ވަރަށް ކަންބޮޑުވާކަން ފާޅުކޮށް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ދަރަނީގެ މައްސަލަ ޙައްލުކުރައްވާނީ ކިހިނެއްތޯ އޮޅުންފިލުވާފަ އެވެ. މިކަމަށް ރައީސް ޔާމީން ވިދާޅުވީ ދަރަނީގެ މައްސަލައަކީ ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެކަމަށް ހައްލު ހޯއްދަވާނެ ކަމަށެވެ.

މިސަރުކާރުން ދަރަނި ނަގައިގެން ބޭނުންކުރަމުންދަނީ ކޮންސިއުމަބްލް ކަންކަމަށްކަން ފާހަގަކުރައްވާ އެއީ ކަންބޮޑުވާ ކަމެއްކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ގޮތްތަކާބެހޭ ގޮތުން މައުލޫމާތު ވެސް ހިއްސާކުރެއްވި އެވެ.