މިހާރު، ޤާނޫނީ ވަކީލު ކަމުގެ ހާއްސަ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބާ އިމްތިހާނު ނުހަދައި ޤާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ލިބުމުގެ މަގު ފަހިވާ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތަސްދީގު ކުރައްވައިފި އެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު (ނަންބަރު: 2019/5) އަށް 2 ވަނަ އިސްލާޙް ގެނައުމުގެ ބިލް، ރައީސް ތަސްދީޤު ކުރެއްވީ މިއަދު އެވެ.

Ad
rt

މި ބިލަކީ، މި އަހަރުގެ އޮކްޓޫބަރު 19 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަށް ގެނެވުނު މައިގަނޑު އިސްލާޙުތަކުގެ ތެރޭގައި ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަަލަތައް ބެލުމުގައި ބާކައުންސިލުން ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުމާއި ބާކައުންސިލްގެ ބަޖެޓާއި، މާލީ ކަންކަން ބަލަހައްޓާނެ ގޮތް ކަނޑައަޅައި ބަޔާން ކުރުން ހިމެނެ އެވެ. އަދި ޤާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށައަޅާ ފަރާތްތަކުން ފުރިހަަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމާއި ގުޅޭ އިސްލާޙްތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 31 ވަނަ މާއްދާގެ (ރ) އަދި (ބ) އާއި، 1-31 ވަނަ މާއްދާގެ (ބ) އުނިކޮށް، މިޤާނޫނުގެ 53 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް ވަނީ އިތުރުކުރެވިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް 2 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފަ އެވެ.