މިއަހަރުގެ ނަސްރުގެ ދުވަސް، ނޮވެމްބަރު 3 ފާހަކުރުމަށް ޖަލްސާއެއް ބާއްވަން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ނިންމަވައިފިއެވެ.
''ކުރި ޖިހާދު - ކުރަން އޮތް ޖިހާދު'' ޝިއާރުގެ ދަށުން ބާއްވާ މިޖަލްސާ ބާއްވަން ނިންމާފައި ވަނީ މާލޭ ސިޓީގެ ސަލްޓަންޕާކް ދެކުނު ސްޓޭޖް، ލިލީމަގު ގައެވެ.
އެ ޖަލްސާ އޮންނާނީ ނޮވެމްނަރު 3 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ކަމަށް ޢާންމުކޮށް އެ ޖަލްސާއަށް ފޮނުވި ދައުވަތުގައި ޢުމަރު ވިދާޅުވެފަ ވެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު މީގެ ކުރިން ވެސް ވަނީ މިފަދަ ޖަލްސާތައް ބާއްވަވާފައެވެ.
އުމަރަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތަކާމެދު ވެސް ވަރަށް ފާޅުގައި ވާހަކަދައްކަވާ ބޭފުޅެކެވެ. އަދި އޭނާ ފާހަގަކުރެވެނީ ވަރަށް ވަތަނީ ވިސްނުންފުޅެއް ގެންގުޅުއްވާ މީހެއްގެ ގޮތުގައިކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ރާއްޖޭގެ ނަސްރުގެ ދުވަސްކަގޮތުގައި ފާހަގަކުރާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ، 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ މަދު ހާއިނުންގެ ބަޔަކާއި، ބޭރުގެ ކުލީ ސިފައިން ވެރިރަށް މާލެއަރައި، ރާއްޖޭގެ މިނިވަންކަން ނަގާލަން ހިންގި އުދުވާނުން މި ޤައުމަށް ނަސްރު ލިބިގެން ދިޔަ ދުވަހެވެ.
އަމިއްލަ އެދުމުން ފޯވެފައިތިބި ދިވެހި މަދުބައެއްގެ މޭސްތިރިކަމުގެ ދަށުން ހިންގި މި އުދުވާނުގައި 19 ދިވެއްސަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި 18 ވަރަކަށް ގަޑިއިރަށް ހާއިނުންގެ ކޮންޓޯލް ހާއިނުންގެ އަތްމައްޗަށް ގޮސް، ވެރިރަށް މާލޭގެ ފިހާރަތައް ލޫޓްވައި، އަނިޔާވެރި އަލުތައް ހިންގާފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!