މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) އުވާލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހދ އަތޮޅު ކައުންސިލުން ޝުކުރު ދަންނަވައިފިއެވެ.

ހދ އަތޮޅު ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމް.ޑީ.އެން) އިން ނެރުނު “ޕްރެލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން" ރިޕޯރޓްގައި މާތްވެގެންވާ އިސްލާމް ދީނަށާއި، މި އުންމަތުގެ މާތް ނަބިއްޔާ މުޙަންމަދު ޞައްލަﷲ އަލައިހި ވަސައްލަމް އަށް ފުރައްސާރަ ކޮށް، ރިޕޯޓް ތައްޔާރު ކުރި ޖަމްޢިއްޔާ އުވާލުމަށްޓަކައި ދިވެހި ސަރުކާރުން ކުރެއްވި ހިކުމަތްތެރި މަސައްކަތަށްޓަކައި، ތިލަދުންމަތީ ދެކުނުބުރީގެ އެންމެހައި ރައްޔިތުންނާއި އަދި ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުންނާއި، މުވައްޒަފުން އެކުން އުފަލާއެކު ފާހަގަކޮށް ދިވެހި ރައީސް ޞާލިޙަށް، ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

Ad
rt

ޣަދި އެޖަމްޢިއްޔާ އުވާލުމަށް ކެއްތެރިކަމާއެކު މުސައްކަތް ކުރެއްވި ދިވެހި ސަރުކާރުގެ އެންމެހައި މުޢައްސަސާތަކުގެ ވެރިންނަށާއި، މުވައްޒަފުންނަށްވެސް ތިލަދުންމަތީ ދެކުނުބުރީގެ އެންމެހައި ރައްޔިތުންނާއި އަދި ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުންނާއި، މުވައްޒަފުންގެ ފަރާތުން ޝުކުރާއި، ސާބަހާއި، އައްސަރިބަސް ރައްދުކުރާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

ހދ އަތޮޅު ކައުންސިލުންވަނީ އެމްޑީއެން އުވާލުމަށް ގޮވާލާ ބަޔާން ވެސް ނެރެފައެވެ. ރާއްޖޭގެ 120 އަށް ވުރެ ގިނަ ކައުންސިލް ތަކުން އެމްޑީއެން އުވާލުމަށް ގޮވާލާ ބަޔާން ނެރަފައެވެ.

ފުލުހުން އެމްޑީއެން ނެރުނު ރިޕޯޓުގެ މައްސަލަ ތަޙްގީގުކުރުމަށްފަހު އެ ރިޕޯޓުގައި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާކަން ޔޫތު މިނިސްޓްރީއަށް އެންގުމުން، އެ މިނިސްޓްރީން އެމްޑީއެން އުވާލީ ނޮވެމްބަރު 5 ވަނަ ދުވަހުއެވެ. އެމްޑީއެން އުވާލަން ސަރުކާރުން ނިންމުމާ އެކު، ރައީސް ސޯލިހަށް ރާއްޖޭގެ ބައެއް މަޝްހޫރު އިލްމުވެރިން ވެސް ވަނީ ތައުރީފް ކުރައްވައިފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ އެމްޑީއެން އުވާލުމުން ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އެޕާޓީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަސް ޖެހުމެއް ނެތި ގާނޫނުގެ ވެރިކަން ދަމަހައްޓައި، ރާއްޖޭގެ ދީން ދިފާއުކުރެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާ ކަމަށެވެ.