ޤާޟީ ޙަސަން ފަހީމް އިބްރާހީމަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން މިއަދު ވިދާޅުވީ، ސިވިލް ކޯޓުގެ ޤާޟީ ޙަސަން ފަހީމް އިބްރާހީމް އާއި ބެހޭގޮތުން އެ ކޮމިޝަނުން މައްސަލަތަކެއް ތަޙްޤީޤުކޮށްފަ ވާކަމަށެވެ. އަދި ތިން މައްސަލައެއްގައި ޤާޟީ ހަސަން ފަހީމް އިބްރާހީމް ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، ޤާޟީގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް އޮތްކަމަކަށް މައްސަލަތައް ތަޙްޤީޤުކުރި ތަޙްޤީޤު ކޮމިޓީގެ މެމްބަރުންނަކަށް ނުފެންނަކަމަށް ޖޭއެސްސީން ވިދާޅުވެފަ ވެއެވެ.
އެހެންނަމަވެސް، އެ ކޮމިޝަނުން ތަޙްޤީޤުކުރި ހަތަރު ވަނަ މައްސަލާގައި، ޤާޟީ ޙަސަން ފަހީމް އިބްރާހީމް ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގައި ޙުކުމްކޮށް މައްސަލަ ނިންމާފައިވާކަމަށް ކޮމިޝަންގެ ތަޙްޤީޤުގައި ޤާޟީ ޙަސަން ފަހީމް އިބްރާހީމް އިޢުތިރާފުވެފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.
އެ ކޮމިޝަނުން ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި ހަމަ މި ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި (ރ) އަށް ބެލުމުން، މައްސަލައާގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހެޅުމާއި، މައްސަލައާގުޅޭ ވާހަކަތައްދެއްކުމަށް މައްސަލައިގެ ޚަސްމުންނަށް ނުވަތަ ޚަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާޢަތުގައިވާގޮތުގެ މަތިން އެކަށޭނެ ފުރުޞަތު ދޭންޖެހޭނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމުގެ ސަބަބުން ޤާޟީ ޙަސަން ފަހީމް އިބްރާހީމްގެ މި ޢަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ32 ވަނަ މާއްދާގެ (ހ) އާއި ހަމަ މި ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) އާއި (ރ) އާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.4 އާއި 3.1 އާއި އަދި 3.2 އާއި ޚިލާފު ޢަމަލެއް ކަމަށެވެ.
އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، ޤާޟީ ޙަސަން ފަހީމް އިބްރާހީމަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް މި މަހުގެ 19 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ވަނީ ނިންމާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވެފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރުލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ޙައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނުނީ ޝަޚުޞެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!