ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބާސާއިން ކާމިޔާބު ކޮށްފިއެވެ.
ރޭ ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ލެވަންޑޯސްކީ ބިލްބާއޯގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޑެމްބެލޭއެވެ.
ފުރަތަމަ ލަންޑު ޖެހިތާ ހަ މިނެޓް ފަހުން ބާސާއިން އުފެއްދި ކައުންޓަ އެޓޭކެއްގައި ދެވަނަ ލަނޑު ޖަހައިދީފައި ވަނީ ސާޖިއޯ ރޮބާޓޯއެވެ. އަރިމަތިން ބޯޅަ ހިފައިގެން ގޮސް ބިލްބާއޯގެ އޭރިތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް ވަދެފައި ވަނީ ބިލްބާއޯގެ ދިފާއީ ކުޅުންތެރިއެއްގެ ފައިގައި ޖެހި މިސްރާބު ބަދަލު ވެގެންނެވެ.
މެޗުގައި ބާސާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ޑެމްބެލޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ. މިއީ ލެވަންޑޯސްކީ ލީގުގައި މިހާތަށް ކުޅުނު 11 މެޗުގައި ޖެހި 12 ވަނަ ލަނޑެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން މި ސީޒަންގައި މިހާތަނަށް ލެވަންޑޯސްކީ ވަނީ 16 ލަނޑު ޖަހާފައެވެ.
މި މެޗުގައި ބާސާގެ މުހިންމު ދެ ކުޅުންތެރިއަކަށް ވަނީ އަނިޔާވެ ބަދަލުކުރަން ޖެހިފައެވެ. މިގޮތުން ފުރަތަމަ ހާފުގައި ބާސާގެ ޒުވާން މިޑްފީލްޑަރ ގަވީއަށް އަނިޔާވެ ބަދަލުކުރި އިރު، މެޗު ނިމެން ގާތްވެފައި ވަނިކޮށް ސާޖިއޯ ރޮބާޓޯގެ ކޮނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވެސް ވަނީ ބަދަލުކޮށްފައެވެ.
ބާސާއިން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 73 ވަނަ މިނެޓުގައި ޑެމްބެލޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފެރާން ޓޯރޭސްއެވެ.
މި ނަތީޖާއާއިއެކު ބާސާވަނީ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. ބާސާއަށް 11 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް އެއްވަނާގައި އޮތީ 11 މެޗުން ލިބުނު 31 ޕޮއިންޓާއިއެކުގައެވެ. މެޗުން ބަލިވި އެތުލެޓިކް ބިލްބާއޯ އޮތީ ތާވަލުގެ 6 ވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 11 މެޗުން 18 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!