ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވައިފި އެވެ.

މި އިމާރާތް މިއަދު ހުޅުވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް އަދުނާން އެވެ.

Ad
rt

މިދަތުރުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ބައިވެރިވެވަޑައިގެންނެވި އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ދެއްކެވި ވާހަކައިގާ ކަނޑައެޅުނު ޓާގެޓާއި އެއްގޮތަށް ޢިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށްޓަކައި އަނގޮޅިތީމު ކައުންސިލް އަދި މަސައްކަތް ޙަވާލުކުރެވުނު ކޮންޓްރެކްޓަރގެ ފަރާތުން ކޮށްދެއްވި މަސައްކަތް ފާހަގަކޮށް، އެފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފަ އެވެ. އަދި ރ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓާއި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުން މެދުކެނޑުމެއްނެތި ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ވެސް ވަނީ ޝުކުރު ދަންނަވާފަ އެވެ.

މީގެ އިތުރުން އަލަށް ހުޅުވުނު ކޯޓު އިމާރާތުގައި މަސައްކަތްކުރަން ފެށުމާއެކު، ކޯޓުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، އަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެ މަގު ތަނަވަސް ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އިތުރަށް ހަލުވިވެގެން ދާނެކަމަށް ވެސް ފާހަގަކުރެއްވި އެވެ.

އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތަކީ، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެރަށު ކައުންސިލާ ހަވާލުކުރެވިގެން ކުރެވުނު މަސައްކަތެކެވެ. އަދި ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ފެށި، މި މަސައްކަތް ޙަވާލުކުރެވުނުތާ 3 މަސް ދުވަހުގެ ތެރޭގައި ވަނީ ކޯޓު ޢިމާރާތްކޮށް ނިމިފަ އެވެ.

އެ ކޯޓު މީގެ ކުރިން ހިންގަމުން އައިސްފައިވަނީ 02 ކޮޓަރީގެ ޖާގައިގެ ޢިމާރާތެއްގެ ތެރޭގަ އެވެ. އެގޮތުން ޝަރީޢަތްތައް ހިންގުމާއި، އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އިދާރީ ހިންގުމާގުޅޭ އެންމެހައި ކަންކަން ހިންގައި ބަލަހައްޓަމުން ގެންދިޔައީ ވަރަށް ދަތިކޮށެވެ.

އެހެންނަމަވެސް، މިއަދު ރަސްމީކޮށް ބޭނުންކުރަން މިފެށުނު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ފަރުމާކުރެވިފައިވަނީ، ޝަރީޢަތްކުރާނެ ވަކި މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ހާއްސަކުރެވިފައިވާ ބައިތައް ހިމެނޭގޮތަށް، ޢާންމުންނަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ވެސް ފަސޭހަވާނެ ގޮތަށެވެ.

އުއްތަމަ ފަނޑިޔާރު ރ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ އަނގޮޅިތީމާއި އެ އަތޮޅު ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގައި އަލަށް ބެހެއްޓުނު ދިދަ ދަނޑީގައި ފުރަތަމަ ފަހަރަށް ޝަރުޢީ ދާއިރާގެ ދިދަ ނަންގަވައިދެއްވާފަ އެވެ. އަދި ވާދޫ މެޖިސްޓްރޭޓް ކޯޓާއި ރަސްގެތީމު މެޖިސްޓްރޭޓް ކޯޓު އަދި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައި ވެއެވެ.

މި ބައްދަލުވުންތަކުގައި ކޯޓުގެ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ވާހަކަދައްކަވާފައި ވެއެވެ. މި ދަތުރުފުޅުގައި ކުރިއަށް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.