އުތުރުގެ ތިން އަތޮޅު ކަމުގައިވާ، ހއ، ހދ އަދި ށ ގައި ތިބި ޔަންމާ އަދި ސުޒުކީ އިންޖީނު ބޭނުންކުރާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމެއް ހިންގަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިން ނިންމައިފި އެވެ.
އުތުރުގެ ބައެއް ކައުންސިލްތަކުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ މިއީ އެމްޓީސީސީ ގެ ފަރާތުން ބާއްވާ މި ތަމްރީނު ޕްރޮގްރާމު ފެށުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރ މަހު ކަމަށެވެ.
އެ ތިން އަތޮޅުގައި ތިބި ޔަންމާ އަދި ސުޒުކީ އިންޖީނު ގެންގުޅުއްވާ އޮޑިވެރިންނާއި އިންޖިނިއަރުން އަދި އިންޖީނު މަރާމާތުކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ ތަމްރީން ޕްރޮގްރާމަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދަވަނީ ތިއަރީ ކްލާހާއި ޕްރެކްޓިކަލް ސެޝަން ތަކަކަށް ބަހާލައިގެން ކަމަށާއި މި ޕްރޮގްރާމްގައި އެމް.ޓީ.ސީ.ސީގެ ތަޖުރިބާހުރި އިންޖިނިއަރުންގެ ޓީމެއް ބައިވެރިވެ ލައްވާނެ ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލްއާއި ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދިފައިވެއެވެ.
މި ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންދަނީ ކޮންތަނެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.
ސުޒުކީ އައުޓްބޯޑު އިންޖީނު އަދި ޔަންމާ އިންބޯޑު އިންޖީނު އެކުންފުނިން ވިއްކަމުން އަންނަނީ އެމްޓީސީސީ ކަށަވަރުން ފިހާރައިންނެވެ
އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާ ބްރޭންޑް ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.
އެ ކުންފުނިން ދަތުރުފަތުރުގެ ހިދުމަތާއި، ބަނދަރުހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެއެވެ.
ކޮންމެ އަހަރަކު ވެސް އެކި އުފެއްދުންތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބާއްވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ހިންގަމުންދާ ކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!